އިނގިރޭސި ޕްރިމިއަރ ލީގުގައި ކާމިޔާބު ފެށުމަކަށްފަހު މެންޗެސްޓާ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އެ ޓީމުން ޕޯޓޯގެ މައްޗަށް 2-0 އިން ކުރިހޯދައިފިއެވެ.
ޕޯޓުގަލްގެ އެސްޓާޑިއޯ ދޯ ޑްރަގާއޯގައި ކުޅުނު މި މެޗުގައި ސިޓީގެ ދެ ލަނޑުވެސް ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އާލިން ހާލަންޑެވެ.
މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު 59 މެޗުން ކާމިޔާބުކުރި 59 ވަނަ ލަނޑެވެ. ސިޓީން 70 އިންސައްތަ ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލްކުރި ނަމަވެސް، ފުރަތަމަ ހާފުގައި ޕޯޓޯގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި ރަޔާން ޗެރްކީ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޒޯ ފެނާންޑޭޒް ނަގައިދިން ހުރަސް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހާލަންޑު ވަނީ ސިޓީއަށް ކުރިހޯދައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އޭނާ ވަނީ ދެވަނަ ލަނޑު ޖަހައި ސިޓީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ސިޓީއާއި ޕޯޓޯ ކުޅުނު މެޗުގެ ތެރެއިން-- މެޗަށްފަހު ވާހަކަދައްކަމުން ކޯޗު މަރެސްކާ ބުނީ، އުނދަގޫ ދަނޑެއްގައި ޓީމުން ދެއްކި ކުޅުމާމެދު އޭނާ ނުހަނު ހިތްހަމަޖެހޭ ކަމަށެވެ.
މީގެ އިތުރުން، 21 އަހަރަށްފަހު އެނބުރި ޗެމްޕިއަންސް ލީގަށް އައި ރެއާލް ބެޓިސްއިން ވަނީ ފްރާންސްގެ ލިލްގެ ދަނޑުގައި ފަހަތުން އަރައި 3-2 އިން މޮޅުވެފައެވެ.
މި މެޗުގައި ލިލްއިން ދެފަހަރުވެސް ކުރިހޯދި ނަމަވެސް، ބެޓިސްގެ ސެންޓްރަލް ޑިފެންޑަރު މާކް ބާޓްރާ ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ބެޓިސް މޮޅުވި ލަނޑު 53 ވަނަ މިނެޓުގައި ޓްރޯއީ ޕެރޮޓް ކާމިޔާބުކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި ލިލްގެ އީތަން އެމްބާޕޭއަށް ވަނީ ނާތަންއަށް ކުރި ފައުލަކަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
ރޭގެ އަނެއް މެޗުގައި ޖަރުމަނުގެ ސިގްނަލް އިދޫނާ ޕާކުގައި ކުޅުނު ފޯރިގަދަ މެޗުން ބޮރޫޝިއާ ޑޯޓްމުންޑް ވަނީ ވިޔަރެއާލްގެ މައްޗަށް 3-2 އިން ކުރިހޯދާފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ވިޔަރެއާލްގެ ރެނާޓޯ ވޭގާ އަތުން ބައިކޮޅަށް ވަން ލަނޑުން ޑޯޓްމުންޑް ކުރިހޯދާފައިވަނިކޮށް، 66 ވަނަ މިނެޓުގައި ސަންތިއާގޯ މޫރީނިއޯ ވަނީ ވިޔަރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަމަވެސް، ފަހުކޮޅު ޑޯޓްމުންޑްގެ ފޯވާޑް ސޭހޫ ގީރާސީ ވަނީ 80 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، އަދި 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ގީރާސީ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ވިޔަރެއާލަށް ފަރަގު ކުޑަކުރެވުނު ނަމަވެސް، ޑޯޓްމުންޑުން ވަނީ ތިން ޕޮއިންޓާއެކު މެޗު ނިންމާލާފައެވެ.