ރާއްޖެއަށް ވޭޕް އެތެރެކޮށްގެން 232 މީހަކު ޖުމުލަ 723.5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު މިހާތަނަށް ލިބިފައިވަނީ އެންމެ އަށް ލައްކަ ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން "މިހާރު" ނޫހަށް ދީފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖޫރިމަނާގެ ގޮތުގައި 723،520،000 ރުފިޔާ އަރާފައިވީ ނަމަވެސް، މިހާތަނަށް އޭގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 850،000 ރުފިޔާއެވެ.
މިއީ ޖޫރިމަނާކުރި ޖުމުލަ އަދަދާ އަޅައި ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.
މި މައްސަލަތަކުގެ ތެރެއިން އެކަކު އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވަނީ 156 މިލިއަން ރުފިޔާއިންނެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، 156،060،000 ރުފިޔާއިން އެ މީހާ ޖޫރިމަނާކުރީ 15،601 ވޭޕް ރާއްޖެއަށް އެތެރެކުރުމާ ގުޅިގެންނެވެ. މިއީ އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ވޭޕް އެތެރެކޮށްގެން މީހަކު ޖޫރިމަނާކުރި އެންމެ ބޮޑު އަދަދެވެ.
ރާއްޖެއަށް އެންމެ ގިނައިން ވޭޕް އެތެރެކުރާ ގައުމުތަކުގެ މައުލޫމާތު ވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، ރާއްޖެއަށް އެންމެ ގިނައިން ވޭޕް އެތެރެކުރަނީ މެލޭޝިއާއިންނެވެ.
ކަސްޓަމްސްއިން ދޭތެރެ ދޭތެރެއިން އަންނަނީ ރާއްޖެ އެތެރެ ކުރަން، އުޅޭ ގިނަ އަދަދެއްގެ ވޭޕް އަތުލައިގަންނަމުންނެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް އަދިވެސް ނުލިބި އޮތްކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުގެ ދަށުން، 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އެއާ ގުޅުންހުރި އެކި ބާވަތްތަކުގެ އާލާތްތައް އެތެރެކުރުމަކީ މަނާކަމެކެވެ.
މި ގާނޫނުގައިވާ ގޮތުން، މަނާކުރެވިފައިވާ ވޭޕްގެ އާލާތެއް ގެންގުޅޭ ފަރާތްތައް 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ތަކެތި ފުލުހުންނާ ހަވާލުކުރަން އިންކާރުކޮށްފި ނަމަ، 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.
މީގެ އިތުރުން، ވޭޕް ބޭނުންކުރާ މީހުން 5,000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ހިލޭ ވޭޕް ފޯރުކޮށްދޭ ފަރާތްތައް 10,000 ރުފިޔާއިން އަދި ވޭޕްގެ ވިޔަފާރިކުރާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ވަކިން ހާއްސަކޮށް، 21 އަހަރުން ދަށުގެ ކުޑަކުދިންނަށް ވޭޕް ވިއްކާ ފަރާތްތަކަށް 50,000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ.