ވެކްސިން ނުދެވުމުގެ ސަބަބުން ބަލި ފެތުރި، ދުނިޔޭގެ އެންމެ ނުރައްކާތެރި ހިމަބިހީގެ ޙާލަތު ބަންގްލަދޭޝްގައި

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައި-- ފޮޓޯ: ރޮއިޓާސް

ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކަށް އައި މެދުކެނޑުންތަކާ ގުޅިގެން ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، މިއީ މިހާރު ދުނިޔޭގައި ވެސް މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމެވެ.

މިދިޔަ މާޗު މަހުން ފެށިގެން މިހާތަނަށް ބަލީގައި މަރުވި ކަމަށް ޝައްކުކުރެވޭ މީހުންނާއި ޔަޤީންކުރެވިފައިވާ މީހުންގެ ޢަދަދު 999 އަށް އަރައިފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މާޗު މަހުން ފެށިގެން 166،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވިފައެވެ. މީގެ ތެރެއިން 19،835 ކޭސް ލެބޯޓަރީން ޔަގީންކުރެވިފައިވާއިރު، މަރުވި 999 މީހުންގެ ތެރެއިން 100 މީހުންނަކީ ހިމަބިހީގައި މަރުވިކަން ކަށަވަރުވެފައިވާ މީހުންނެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި މިއީ މިހާރު ދުނިޔޭގައި ވެސް އެންމެ ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާ ގައުމެވެ. އަދި ބަލިޖެހުނު ކަމަށް ޝައްކުކުރެވޭ 146،000 އަށް ވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައި-- ފޮޓޯ: ރޮއިޓާސް

ސިއްހީ މާހިރުން ބުނާ ގޮތުގައި މި ބަލި މިހާ ބޮޑަށް ފެތުރެން މެދުވެރިވީ، ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރާ ދެކޮޅަށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 2024 އަދި 2025 ވަނަ އަހަރު ދޭންޖެހޭ ވެކްސިންތައް މެދުކެނޑުމުގެ ސަބަބުންނެވެ. ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ސަރުދާރު އެމްޑީ ސަހާވަތު ހުސައިން ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި ގޮތުގައި، އިންތިގާލީ ސަރުކާރުގެ ދަށުން ވެކްސިން ހޯދުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެން ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އަދި 2024 ވަނަ އަހަރުގެ ވެކްސިން ޕްރޮގްރާމް ފަސްކުރުމާއި، އޭގެ އަނެއް އަހަރު މުޅި ގައުމުގައި ހިންގަން އޮތް ހިމަބިހީގެ ކެމްޕޭން ކެންސަލްކުރުމުން ގިނަ ކުދިންނަށް ބަލީގެ ނުރައްކާ ބޮޑުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފުން ވެސް ވަނީ ވެކްސިން ދިނުމުގެ ތާވަލަށް އައި ބަދަލުތައް ފާހަގަކޮށްފައެވެ. ބަލި ފެތުރެން ފެށި ކުރީކޮޅު، ބަލިޖެހުނު މީހުންގެ 80 ޕަސެންޓަކީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ. އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ، ޑިޒީޒް ކޮންޓްރޯލް އެންޑް ރިސާޗުގެ ކުރީގެ ޑިރެކްޓަރު ޕްރޮފެސަރު މަހްމޫދުއްރަހްމާން ވިދާޅުވި ގޮތުގައި، ހިމަބިހީގައި މިހާ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާތަން މީގެ ކުރިން ބަންގްލަދޭޝްގައި ފެނިފައެއް ނުވެއެވެ.

ހިމަބިހީގެ އިތުރުން ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ހޮސްޕިޓަލުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 45،000 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އަންގާރަ ދުވަހު އެކަނި ވެސް ޑެންގީގައި ނުވަ މީހުން މަރުވެ، 1،571 މީހުން އެޑްމިޓްކޮށްފައިވާއިރު، މިއީ މިއަހަރުގެ އެއް ދުވަހެއްގައި އެންމެ ގިނަ މީހުންނަށް ފަރުވާދިން ދުވަހެވެ.

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައި-- ފޮޓޯ: ރޮއިޓާސް

ޑާކާގައި ހުންނަ ޝަހީދު ސުހްރަވާދީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ އެކްޓިން ޑިރެކްޓަރު ޑރ. ނަންދާ ދުލާލް ސާހާ ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލުގައި ހިމަބިހީގެ ބަލިމީހުންނަށް ހާއްސަކޮށްފައިވަނީ 60 އެނދެވެ. ނަމަވެސް ޖާގަ ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާދެމުންދަނީ ތަޅުމުމަތީގައެވެ. އަދި ކުޑަކުދިންނަށް ދޭ ސެލައިން މަދުވުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 1،350 މީހުންގެ ޖާގައިގެ އެ ހޮސްޕިޓަލުގައި މިހާރު 2،350 އަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ބަލިމަޑުކަމުގެ ސަބަބުން އާއިލާތަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ. އުމުރުން 13 މަހުގެ ކުއްޖެއްގެ މަންމައެއް ކަމަށްވާ ނަސީމާ ބޭގަމް ރޮއިޓާސްއަށް ބުނި ގޮތުގައި، އޭނާގެ ދަރިފުޅަށް ހިމަބިހި ޖެހުމުން ހަތަރު ހޮސްޕިޓަލަކަށް ދިޔައިރު ވެސް އެނދެއް ނުލިބުނެވެ. ފަހުން އެޑްމިޓްކޮށް 10 ދުވަހު ފަރުވާދިނުމަށްފަހު ދޫކޮށްލި ނަމަވެސް، އަދިވެސް ކުއްޖާ އެއްކޮށް ރަނގަޅުނުވާ ކަމަށް އޭނާ ބުންޏެވެ. ނަސީމާ ބުނި ގޮތުގައި އޭނާގެ އެހެން ކުދިންނަށް ވެކްސިން ދީފައިވީ ނަމަވެސް، އެންމެ ހަގު ދަރިފުޅަށް ވެކްސިން ނުދެވުނީ ބަލިވެ އުޅުމުންނެވެ. އަދި ފަހުން ވެކްސިން ސެންޓަރަށް ދިޔައިރު ވެކްސިން ހުސްވެފައިވާ ކަމަށް އެންގި ކަމަށް އޭނާ ބުންޏެވެ.

ކާރުހާނާއެއްގައި މަސައްކަތްކުރާ މުހައްމަދު ރިޕޮން ބުނި ގޮތުގައި، އޭނާގެ އަށް މަހުގެ އަންހެން ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލިތާ ދުވަސްކޮޅެއް ފަހުން ހަށިގަނޑުން ބިހިތަކެއް ނަގައި، ހިމަބިހީގެ އަލާމާތްތައް ފެންނަން ފެށިއެވެ. އޭގެ ސަބަބުން ރަނގަޅު މައުލޫމާތެއް ނުލިބި އެކި ހޮސްޕިޓަލުތަކަށް ދާންޖެހުނު ކަމަށް އޭނާ ބުންޏެވެ.

ބަންގްލަދޭޝްގައި އޭޕްރީލް މަހު ފެށި ކުއްލި ވެކްސިން ކެމްޕޭނުގެ ދަށުން އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ 18 މިލިއަން ކުދިންނަށް ވެކްސިން ދިނުމަށް އަމާޒުކުރިއެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް 19.7 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވަނީ ވެކްސިން ދީފައެވެ. ނަމަވެސް އާންމުކޮށް ވެކްސިން ދޭ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް މާހިރުން ވިދާޅުވެއެވެ. ހޫނުމިން މައްޗަށް ދިއުމާއި ޝަހަރުތައް ތަރައްގީވުމާ ގުޅިގެން ފެތުރޭ ޑެންގީއާއި ހިމަބިހީގެ ސަބަބުން، ބަންގްލަދޭޝްގެ ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު