އެއާ ޓްރެފިކް ކޮންޓްރޯލް މައްސަލައެއް ދިމާވެ، އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 2،000 ފްލައިޓް ކެންސަލް

ބަޔަކު އެއާޕޯޓެއްގައި: އެއާ ޓްރެފިކް ކޮންޓްރޯލް މައްސަލައެއް ދިމާވެ، އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 2،000 ފްލައިޓް ކެންސަލް ކުރަން ވަނީ ޖެހިފައި -- ފޮޓޯ/ ގެޓީ

އިނގިރޭސިވިލާތުގެ ނެޝަނަލް އެއާ ޓްރެފިކް ސާވިސަސްއަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުން 2،000އާ ގާތްކުރާ އަދަދަކަށް ފްލައިޓް ކެންސަލް ކުރަން ޖެހިއްޖެއެވެ.

ވައިގެ ދަތުރުފަތުރުގެ ޓްރެފިކް ބަލަހައްޓާ ނެޓްސްއިން ވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ކޮންޓްރޯލް ސިސްޓަމްގެ ޚިދުމަތަށް ހުރަސް އެޅުނު ކަމަށާއި، މައްސަލަ ހައްލުކުރަން ލަފާކުރި ވަރަށް ވުރެ ގިނަ ވަގުތު ހޭދަވެފައިވާ ކަމަށް ބުނެފައެވެ.

އޭވިއޭޝަން އެނެލިޓިކްސް ކުންފުންޏެއް ކަމަށްވާ ސިރިއަމްއިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، އެ މައްސަލަ ދިމާވުމާ ގުޅިގެން އިއްޔެ 1،750އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރިއިރު މިއަދު ވެސް 153 ފްލައިޓް ކެންސަލްކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ފްލައިޓް ކެންސަލްވީ އެންމެ ބާރުބޮޑު ހީތުރޯ އެއާޕޯޓުން ކަމަށްވާއިރު، އޭގެ ސަބަބުން އެތައް ހާސް މީހުންނަށް ނުފުރި، އެކި އެއާޕޯޓުތަކުގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިނގިރޭސި ނޫސްތަކުގައި ވަނީ، އެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް ސެކްރެތަރީ ހެއިޑީ އެލެގްޒޭންޑާ ވަނީ ނެޓްސްގެ ވެރިންނާ ސުވާލުކުރައްވާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އެ ޓެކްނިކަލް މައްސަލަ ދިމާވީ ސައިބާ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ނޫސްތަކުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އިނގިރޭސި ނެޝަނަލް އެއާ ޓްރެފިކް ސާވިސަސްގެ ކޮންޓްރޯލް ސިސްޓަމަށް މިފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، 2023 ވަނަ އަހަރު ޗުއްޓީ ދުވަސްތަކަކާ ދިމާކޮށް އެ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ހަތް ލައްކައަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތަކަށް ބުރޫއެރިއެވެ.

comment ކޮމެންޓް