އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން ރާއްޖޭގައި އުޅަނދެއް ބޭނުންކުރެވޭނީ އުފެއްދި ފަހުން 20 އަހަރު ދުވަހުގެ މުއްދަަތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ އުޅަނދުތައް ދައުލަތަށް ނަގާނީ އަގެއް ދިނުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 31ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ވަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިސްނާ ކުރެވޭ ޚާއްޞަ ގިންތީގެ އުޅަނދު ފިޔަވައި، އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަކަށް އަމަލުކޮށް، ރާއްޖެއަކީ އަމާން ގައުމަކަށް ހެދުން ކަމަށެވެ.
އެހެންވެ، ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގައި ވެސް އަމަލުކުރާނީ މެދުމިނުގެ ސިޔާސަތެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މާނައަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންނަށް ވެސް މީގެ ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް އަދި ފައިނޭންޝަލީ ވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަކަށް ނަގާ މެދު މިންގަނޑެއް އަޅުގަނޑުމެން ނަގާނީ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ދައީދު: ވިހި އަހަރަށްވުރެ ދުވަސްވީ އުޅަނދުތައް ނަގާނީ އަގެއް ދިނުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ފުލުހުން
އޭނާ ވަނީ، ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގެ ބާބު ތަންފީޒު ކުރުމުގެ ކުރިން، ތިން އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ގާނޫނުގައި ހިމަނައިފައިވާކަން ފާހަގަކުރައްވައިފައެވެ. އެއަށްފަހު ވެސް، 20 އަހަރަށްވުރެ ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"ސަރުކާރު ނުވަތަ ސަރުކާރުން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން އެ ވެހިކަލްއަށް އޭރު ދޭން ޖެހޭ އަގެއް ދީފައި އެ ނަގާނީ،" އޭނާ ވިދާޅުވިއެވެ.
އައު ގާނޫނުގައި ވަނީ އުޅަނދަކަށް 20 އަހަރު ވުމުން އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށެވެ. އަދި އެ އުޅަނދުގެ ވެރިފަރާތުގެ ކިބައިން ގަތުމަށްޓަކައި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މިނިސްޓްރީއަށް ޕްރޮގްރާމެއް ހިންގިދާނެ ކަމަށް އެ ގާނޫނުގައިވެއެވެ.
މީގެ އިތުރުން، އެ ޕްރޮގްރާމް ހިންގުމުގެ ބޭނުމަށް ޓަކައި، އުޅަނދު އަގުކުރާނެ މިންގަނޑުތަކާއި އުޅަނދުގެ ވެރިފަރާތަށް ބަދަލު ނުވަތަ ފައިސާ ދޫކުރާނެ
އުސޫލުތަކާއި އަމިއްލަ ފަރާތްތަކުން އެ ޕްރޮގްރާމްގައި ބައިވެރިވާނެ ގޮތް ގަވައިދުގައި ހިމަނަން ވާނެ ކަމަށް ވެސް ގާނޫނުގައި ލިޔެފައިވެއެވެ.
މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ދިރާސާއެއް ހަދައިފައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު އާންމުކުރި އެ ދިރާސާއިން ދެއްކި ގޮތުގައި، މި ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވައެވެ.