ވެހިކަލްތަކާ ހެދި، މާލޭގައި ހިނގަން އޮތީ 18 ޕަސެންޓު ބިން: ސައީދު

މީހަކު މަގުމަތިން ހިނގާފައި ދަނީ: މާލޭގައި ހިނގަން އޮތީ އެންމެ 18 ޕަސެންޓު ކަމަށް ސައީދު ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއަށް ވެހިކަލް އެތެރެކޮށްފައިވާ މިންވަރަށް ބަލާއިރު، ހިނގުމަށް އޮތީ އެންމެ 18 ޕަސެންޓު ބިން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދެ ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ މަގުތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މިގޮތުން، ގިނަ މަގުތަކުގެ ދެ ފަރާތުގައި ބޮޑެތި ވެހިކަލްތައް ޕާކުކޮށްފައި އޮންނައިރު، ހިނގުމަށް އޮންނަނީ ކުޑަ ތަންކޮޅެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވަނީ އެ މައްސަލައަށް އިޝާރާތްކުރައްވައިފައެވެ.

"މާލެއަށް މިހާރު އެތެރެވެފައި ހުރި ވެހިކަލްތަކުގެ އަދަދުން ބަލާއިރު، ގާތްގަނޑަކަށް މީހުން ހިނގަން މި އޮތީ އެންމެ 18 ޕަސެންޓު ކަމަށް ދިރާސާތަކުން މި ދައްކަނީ،" ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ސަޢީދު: މާލޭގައި ހިނގަން އޮންނަނީ 18 ޕަސެންޓު ބިން ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

އެއާއެކު، މާލެ ވެފައި ވަނީ، ދުނިޔޭގެ އެންމެ ބާރުބޮޑު ސިޓީއަށްކަން ސައީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހެން އޮތް ޓްރެފިކްގެ ބޮޑު މައްސަލަ މިނިސްޓްރީއަކަށް އެކަނި ހައްލެއް ނުވާނެ ކަމަށާއި މި ކަން ހައްލުވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

މިގޮތުން، މާލޭގެ އަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ، ވަކި އާއިލާއެއް އިސްތިސްނާ ވާނެ ކަމެއް ނޫންކަން ސައީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ސައީދު އެފަދައިން ވިދާޅުވިއިރު، މާލެއަށް އެކަށީގެންނުވާ އަދަދަށް މި ސަރަހައްދަށް ވެހިކަލް އެތެރެކޮށްފައިވާ ކަަމަށް ދިރާސާއަކުން ވެސް ވަނީ ދައްކާފައެވެ.

މާލޭ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް މިދިޔަ އަހަރު އިސްލާމިކް ޔުނިވާސިޓީން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ.

https://sun.mv/204577

އެ ދިރާސާ ރިޕޯޓުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413ގައެވެ. އެކަމަކު މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ.

comment ކޮމެންޓް