ވަރަށް ހޫނުގަދަ ސައި އަދި ކޮފީ ފަދަ ބުއިންތައް އާންމުކޮށް ބޭނުންކުރުމަކީ ކާތަކެތި ހިނގާ ހޮޅިއަށް ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުކުރާ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ހާމަކޮށްފިއެވެ.
ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއަކީ މިކަމާ ގުޅޭގޮތުން މިހާތަނަށް ހެދި އެންމެ ބޮޑު ދިރާސާއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ތާފަނާ ބުއިންތައް ބޯ މީހުންނާ އަޅައިބަލާއިރު، ވަރަށް ހޫނުކޮށް ބުއިންތައް ބޭނުންކުރާ މީހުންނަށް މި ކެންސަރު ޖެހުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސަރުގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، "ވަރަށް ހޫނު" ކަމަށް ކަނޑައަޅާފައިވަނީ 65 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތީގެ ފިނިހޫނުމިނުގައި ހުންނަ ބުއިންތަކަށެވެ.
މެދު އުމުރުގެ 977،282 ފިރިހެނުންނާއި އަންހެނުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ދިރާސާއިން އެނގޭ ގޮތުގައި، ދުވާލަކު ހަ ތަށި ނުވަތަ އެއަށްވުރެ ގިނައިން ހޫނު ބުއިންތައް ބޭނުންކުރުމަކީވެސް ކެންސަރުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ. ހޫނުގަދަ ދިޔާތަކެތި ބުއިމުގެ ސަބަބުން، ކާތަކެތި ހިނގާ ހޮޅިން ފެށިގެން ގޮހޮރާ ހަމައަށް ހުންނަ ސެލްތަކުގެ ފަށަލައަށް ގެއްލުން ލިބެއެވެ.
ކެޓްލްއަކުން ފެން ކައްކާއިރު ފެނުގެ ހޫނުމިން 100 ޑިގްރީ ސެލްސިއަސްގައި ހުންނައިރު، ތަށްޓަކަށް އެޅުމުން އެ މިންވަރު 90 ނުވަތަ 95 ޑިގްރީ ސެލްސިއަސްއަށް ދަށްވެއެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކިރު އެޅުމުން ކޮންމެވެސް ވަރަކަށް ހޫނުމިން ދަށްވި ނަމަވެސް، އެއީ ރައްކާތެރި މިންވަރަކަށް ނުވެދާނެއެވެ. ކެންސަރު ރިސާޗް ޔޫކޭއިން ބުނާ ގޮތުގައި، ހޫނު ބުއިންތައް ހިހޫކުރަން ބަހައްޓަންވީ ސީދާ ކިހާ ވަގުތަކަށްކަން ބުނަން ދައްޗެވެ. ނަމަވެސް އެ ޖަމިއްޔާއިން ލަފާދެނީ، ބުއިންތައް މާ ހޫނުކޮށް ހުއްޓާ ބުއިމުގެ ބަދަލުގައި، ބޯން ފަސޭހަ ފިނިހޫނުމިނަކަށް ދަށްވަންދެން މަޑުކުރުމަށެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ކެރެން ޕެޕިއާ ވިދާޅުވި ގޮތުގައި، ދެކުނު އެމެރިކާގައި އާންމުކޮށް ބޯ ހޫނު ފަތްޕިލާވެލީގެ ބުއިމެއް ކަމަށްވާ "މާޓޭ" އާއި ކާތަކެތި ހިނގާ ހޮޅީގެ ކެންސަރާ ގުޅުންހުރިކަން ކުރީގެ ދިރާސާތަކުންވެސް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، ކެންސަރުގެ ނުރައްކާ ބޮޑުވަނީ ސީދާ ކިހާ ހޫނުމިނެއްގައި ހުންނަ ބުއިންތަކަކުންކަން ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުވާނުންގެ 118 މީހަކު ބައިވެރިކޮށްގެން ހެދި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި، ގިނަ މީހުންނަށް ކޮފީ މާ ހޫނު ކަމަށް އިހުސާސްވަނީ 70 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވުމުންނެވެ. ޓޭކްއަވޭ ކޮފީ ތަށި އުފައްދާ ކުންފުންޏެއް ކަމަށްވާ އެމްޓީޕެކް ކޮފީން ބުނާ ގޮތުގައި، ކޮފީއަށް އެންމެ ރަނގަޅު ފިނިހޫނުމިނަކީ 49 އާއި 60 ޑިގްރީ ސެލްސިއަސްއާ ދެމެދެވެ. ނަމަވެސް ކަސްޓަމަރުން ބޭނުންވެއްޖެނަމަ 82 ޑިގްރީ ސެލްސިއަސްއަށް ވުރެ ހޫނުކޮށްވެސް ކޮފީ ދޫކުރެއެވެ.
ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މާ ހޫނުކޮށް ބުއިންތައް ބޭނުންކުރުން ހުއްޓާލައިފިނަމަ، ކާތަކެތި ހިނގާ ހޮޅިއަށް ޖެހޭ ކެންސަރުގެ ކޮންމެ 10 ކޭސްއަކުން އެއް ކޭސް ނުވަތަ ދެ ކޭސް ހުއްޓުވިދާނެއެވެ. އިނގިރޭސިވިލާތުގައި މި ބާވަތުގެ ކެންސަރު ޖެހުމުގެ އުމުރުދުވަހުގެ ނުރައްކާ އޮތީ އާބާދީގެ ގާތްގަނޑަކަށް އެއް ޕަސެންޓުގައެވެ.
މި ދިރާސާއަށް ފަންޑުކުރި ކެންސާ ރިސާޗް ޔޫކޭގެ ފަރާތުން ފިއޯނާ އޮސްގަން ފާހަގަކުރި ގޮތުގައި، މި ކެންސަރުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަނގުރާ ނުބުއިމެވެ.
ކާތަކެތި ހިނގާ ހޮޅިއަށް ކެންސަރު ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި މޭކުރުން، ކާއެއްޗެހި ހަޖަމުނުވުން، ކަރުގައި ނުވަތަ މޭގައި ރިއްސުން، އަދި ބަރުދަން ލުއިވުން ހިމެނެއެވެ.