ކޮންގްރެސްގެ ކޮންޓްރޯލް ލިބިއްޖެނަމަ ކޮންމެ އެމެރިކާ ރައްޔިތަކަށް 5،000 ޑޮލަރު ދޭން ޓްރަމްޕް ވައުދުވެވަޑައިގެންފި

ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ ކޮންޓްރޯލް ދަމަހައްޓައިފިނަމަ، އެމެރިކާގެ ބޮޑު ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރުގެ "ޓްރަމްޕް ޑިވިޑެންޑް" އެއް ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފިއެވެ.

ޓެކްސަސްގެ ޑަލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައި އިއްޔެ ވާހަކަދައްކަވަމުން ޓްރަމްޕް މިކަން އިއުލާންކުރެއްވި ނަމަވެސް، މި ފައިސާ ދޫކުރާނެ ގޮތަކާއި މިއީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަން އަދި ސާފެއް ނުވެއެވެ.

އެމެރިކާގައި ގާތްގަނޑަކަށް 270 މިލިއަން ބޮޑެތި މީހުން ތިބިއިރު، މި ވައުދު ފުއްދުމަށް 1.35 ޓްރިލިއަން ޑޮލަރު ޚަރަދުވާނެއެވެ. ގަޑިއިރަކާއި 45 މިނެޓަށް ދެމިގެންދިޔަ ތަގުރީރުގައި ޓްރަމްޕް ވަނީ، ފާއިތުވި ދެ އަހަރަކީ އެމެރިކާގެ ރިޔާސީ ތާރީޚުގައި އެންމެ ކާމިޔާބު ދެ އަހަރު ކަމަށް ސިފަކުރައްވާފައެވެ. އަދި ޑިމޮކްރެޓުންނަށް ވެރިކަން ލިބިއްޖެނަމަ ގައުމު އަނބުރާ ކޮޅަށް ޖެހުމަށް ދިހަވަރަކަށް އަހަރު ނަގާނެ ކަމަށް ވިދާޅުވެ، ރިޕަބްލިކަނުންނަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ މަގުބޫލުކަން މިހާތަނަށް ނުދާހާ ދަށަށް ގޮސްފައިވާއިރު، ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތަކެތީގެ އަގުބޮޑުވުމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހަނގުރާމަ ނިމޭނެ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ ހަނގުރާމަ ވަރަށް އަވަހަށް ކާމިޔާބުކުރެވޭނެ ކަމަށާއި، އެއާއެކު ތެލުގެ އަގު ދަށަށް ދާނެއެވެ. އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ރިޕަބްލިކަން ނޭޝަނަލް ކޮމިޓީގެ ޗެއާމަން ޖޯ ގްރޫޓާސް ނުރަސްމީކޮށް "ޓްރަމްޕަޕަލޫޒާ" ގެ ނަމުން ނަންދީފައިވާ މި ކޮންވެންޝަންގައި، އިންތިޚާބު ކާމިޔާބުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ބައެއް ރިޕަބްލިކަން ކެންޑިޑޭޓުން ބައިވެރިވެފައެއް ނުވެއެވެ. އޭގެ ތެރޭގައި މިޝިގަންގެ ރެޕްރެޒެންޓޭޓިވް ޓޮމް ބެރެޓްއާއި، އެލަސްކާގެ ސެނެޓަރު ޑޭން ސަލިވަންގެ އިތުރުން މެއިންގެ ސެނެޓަރު ސޫޒަން ކޮލިންސް ހިމެނެއެވެ. އެހެންނަމަވެސް، ވާދަވެރި އިންތިޚާބުތަކާ ކުރިމަތިލާ 16 ކެންޑިޑޭޓަކު މި ކޮންވެންޝަންގައި ވާހަކަދައްކަން ހަމަޖެހިފައިވާއިރު، ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެކްސްޓަންއާއި އޮހާޔޯގެ ސެނެޓަރު ޖޮން ހިއުސްޓެޑް ވަނީ ބުދަ ދުވަހު ވާހަކަދައްކަވާފައެވެ. 21،000 މީހުންގެ ޖާގައިގެ މި އެރީނާ ފުރިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މަތީ ބަރިތަކުގައި މީހުން ނެތްކަން ރޮއިޓާސްއިން ފާހަގަކޮށްފައިވެއެވެ.

ކޮންވެންޝަންގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ޑިމޮކްރެޓުންނަކީ "ސޯޝަލިސްޓުން" އަދި "ކޮމިއުނިސްޓުން" ގެ ގޮތުގައި ސިފަކުރައްވާފައެވެ. ސައުތު ކެރޮލައިނާގެ ސެނެޓަރު ޓިމް ސްކޮޓް ވިދާޅުވި ގޮތުގައި ޑިމޮކްރެޓުންނަކީ ނުރައްކާތެރި އަދި ހަރުކަށި ބައެކެވެ. މި ކޮންވެންޝަންގައި އެންމެ ހައިރާންކުރުވަނިވި ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ، ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ޖޯން ފެޓާމަންގެ ވީޑިއޯ މެސެޖެއް ދެއްކުމެވެ. މި ވީޑިއޯގައި އޭނާ ވަނީ ޕެންސިލްވޭނިއާގެ ރިޕަބްލިކަން ކެންޑިޑޭޓް ޑޭވް މެކްކޯމިކް އަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެ، ސްޓީލް ސިނާއަތް ހިމާޔަތްކުރުމަށް ޓްރަމްޕާއެކު މަސައްކަތްކުރައްވާނެ ކަމަށް އިއުލާންކުރައްވާފައެވެ.

comment ކޮމެންޓް