ފ. ބިލެތްދޫގައި ދަ ހޯކްސް ކުންފުނީގެ އާ ފިއުލް ސްޓޭޝަނެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ފާފު އަތޮޅުގައި އެ ކުންފުނިން ގާއިމުކުރި ފުރަތަމަ ފިއުލް ސްޓޭޝަނެވެ. މި ސްޓޭޝަނާއެކު، މުޅި ރާއްޖޭގައި ހިންގާ ހޯކްސްގެ ފިއުލް ސްޓޭޝަން ނެޓްވޯކްގެ އަދަދު ވަނީ 22 އަށް އިތުރުވެފައެވެ.
ދަ ހޯކްސް އިން ބުނި ގޮތުގައި، މި ސްޓޭޝަން ހުޅުވުމުގެ ބޭނުމަކީ އެ ސަރަހައްދުގެ ރައްޔިތުންނާއި ވިޔަފާރިތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކަމާއެކު އިތުބާރު ހުރި ގޮތެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މިއީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކަށް ތެޔޮ ފޯރުކޮށްދިނުން ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ސްޓޭޝަނެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މީގެ އިތުރުން، މާކެޓުގައި މިހާރު ތެޔޮ ވިއްކާ އެހެން ފަރާތްތަކަށް ވުރެ ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ހޯކްސް އިން ބުނެފައިވެއެވެ.
ވިޔަފާރި ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ށ. ފީވަކުގައި ވެސް އާ ފިއުލް ސްޓޭޝަނެއް ތަރައްގީކުރުމަށް ދަ ހޯކްސް އިން މިހާރު ވަނީ ބިން ހޯދާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި، ފީވަކުގައި ހަދާ ސްޓޭޝަންގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، އެ ތަން ވެގެންދާނީ ށ. އަތޮޅުގައި ހޯކްސް އިން ހިންގާ ދެވަނަ ފިއުލް ސްޓޭޝަނަށެވެ.
މިހާރު ވެސް އެ އަތޮޅު ފޭދޫގައި ހޯކްސްގެ ފިއުލް ސްޓޭޝަނެއް އަންނަނީ ހިންގަމުންނެވެ.