ޓޫރިޒަމަށް ދޫކުރުމުން އެއްވެސް ވަރަކަށް ތަރައްގީނުކޮށް އަށް އަހަރުވެ، ކުއްޔާއީ ޖޫރިމަނާ 10 މިލިއަނަށް އަރައިފައިވާ ތަންތަނުގެ އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް ގަވައިދެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކޮށް އަމަލުކުރަން ފެށި ގަވައިދުގައި ވަނީ، ތަރައްގީކޮށް ނުނިންމައި ދިގު މުއްދަތެއް ފާއިތުވެފައިވާ ތަންތަނާ މެދު ޢަމަލުކުރާނެ ގޮތްތަކާ ގުޅޭ މާއްދާއެއް ހިމަނައިފައެވެ.
އެ މާއްދާގައި، އިތުރު ފުރުސަތެއް ނުދީ، ކުއްޔަށް ދީފައިވާ ތަނުގެ އެއްބަސްވުން ބާތިލުކުރެވޭނެ ގޮތެއް ހިމަނައިފައިވެއެވެ. އެއީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ތަރައްގީކުރުމަށް ދީފައިވާ މުއްދަތުން އަށް އަހަރު ދުވަސް ފާއިތުވެ، ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދިހަ މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެފައިވާ ތަންތަނާއި، ތަން ތަރައްގީކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ކޮށްފައިނުވާ ތަންތަނެވެ.
ހަމައެއާއެކު، ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން ގްރޭސް ޕީރިއަޑަށްފަހު ކޮންސްޓްރަކްޝަން ޕީރިއަޑު 60 މަސްދުވަހަށް ވުރެ ގިނަ ދުވަހަށް އިތުރުކޮށްފައިވާ ތަންތަނާއި، ކުލީގެ މުއްދަތުން އަށް އަހަރު ދުވަސް ފާއިތުވެފައިވާ ތަންތަން ނުވަތަ ތަރައްގީކުރުމުގެ މަސައްކަތުގެ 15 ޕަސެންޓަށް ވުރެ ދަށް ތަންތަނަށް އިތުރު ފުރުޞަތެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް އެ މާއްދާގައިވެއެވެ.
މިނިސްޓަރު އަމީން: ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަން އޮތް ކަމަށް ވިދާޅުވި -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީމީގެ އިތުރުން، ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން ގްރޭސް ޕީރިއަޑު ހަމަވެ މުއްދަތު އިތުރުކޮށްފައިނުވާ އަދި ކުލީގެ މުއްދަތުން އަށް އަހަރު ދުވަސް ހަމަނުވާ ތަންތަނަށް، އެ ގަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކުރުމަށް އެއް ފުރުޞަތު ދިނުމާއި އެގޮތުން ދެވޭ މުއްދަތުގެ ތެރޭގައި ތަން ތަރައްޤީކޮށް، ޚިދުމަތް ދޭން ފަށައިފައިނުވާ ނަމަ އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ.
ކުލީ އެއްބަސްވުމަށް އަށް އަހަރު ދުވަސް ވެފައިވާ ތަންތަނުގެ ތެރެއިން، ތަން ތަރައްޤީކޮށް ނިމިފައިނުވި ނަމަވެސް އިމާރާތްކުރުމުގެ މުއްދަތެއް އޮތް އަދި މަސައްކަތް ކުރިޔަށްދާ ތަންތަނުގެ މަސައްކަތް ހިނގާ މިންވަރު ބެލުމަށްފަހު އެކަށީގެންވާ ދުވެއްޔެއްގައި މަސައްކަތް ކުރިޔަށްނުދާ ނަމަ ނުވަތަ މަސައްކަތް ހުއްޓިފައިވާ ނަމަ ކުލީގެ އެއްބަސްވުމާ ޚިލާފުނުވާނޭ ގޮތެއްގެ މަތީން އެ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ގަވައިދުގައިވެއެވެ.
އެ މާއްދާގެ ދަށުން އެއްބަސްވުން ބާތިލުކުރާނަމަ، އެ ތަނަކާ ގުޅިގެން އަރައިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސ،ާ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށްފަހު ތަރައްގީ ނުކޮށް ހުރި ތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން އެމެރިކާ ޑޮލަރު ނުލިބި އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަން އޮތް ކަމަށާއި އޭގެ ތެރޭގައި 25 އަހަރު ފާއިތުވެފައިވާ ރަށްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 179 ރިސޯޓު ހިންގައެވެ.
ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ކަމަށްވާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ ޓެކްސްތަކުގެ ތެރެއިން، ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު 27ގެ ނިޔަލަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުން ނަގާ ޓެކުހުންނެވެ. އެއީ 11 ބިލިއަން ރުފިޔާ ކަމަށްވާއިރު އޭގެ ތެރެއިން ހަތް ބިލިއަން ހިއްސާކުރަނީ ޓީޖީއެސްޓީއެވެ.
ފަތުރުވެރިކަމަށް ރާއްޖެ ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ގައުމުގެ ތެރޭގައި ޑޮލަރު ހިފެހެއްޓުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި ސަރުކާރުން ވަނީ ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހަރުކަށި ގާނޫނެއް ތަންފިޒުކޮށްފައެވެ. އެގޮތުން ފުރަތަމަ އެންގީ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ މާރުކުރަން ޖެހޭ އަދަދު 40 ޕަސެންޓަށް އިތުރުކޮށްފައެވެ.