މާލޭގެ ގެއަކުން ގޭސްފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށް، ޔޫތު މިނިސްޓްރީއަށް ވަތް ކަމަށް ބުނާ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ
މާލޭގެ ގެއަކުން ގޭސްފުޅިއެއް ވަގަށް ނެގުމާއި ހުއްދަ ނެތި ޔޫތު މިނިސްޓްރީއަށް ވަތް ކަމަށް ބުނާ މި ދެ މައްސަލައިގައިވެސް ދައުވާކޮށްފައިވަނީ ނ. ޅޮހި / ފެހިވިނަ، ޙުސައިން ޢަދުނާނުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބެލި މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މ. ތޯއިފް ގޭގެ އިމާރާތުގެ ބޭރުގައި ބަހައްޓާފައި ހުރި މޯލްޑިވްސް ގޭސްގެ 10 ކިލޯގެ ފެހިކުލައިގެ ދެ ގޭސްފުޅީގެ ތެރެއިން އެކަތި ވަގަށް ނެގިކަން ޙުސައިން ޢަދުނާނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މިދިޔަ އަހަރުގެ ޖޫން ހަތް ވަނަ ދުވަހުގެ ރޭ މުއިވެޔޮ ގޯޅިން ދެ މީހަކު ގޭސްފުޅިއެއް ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނުމުން، އޭގެ ތެރެއިން މީހަކު ގޭސްފުޅި ބަހައްޓާފައި ފިލާފައިވާއިރު، އެ ގޭސްފުޅިއަކީ ތޯއިފްގޭގެ ބޭރުން ނެގި ގޭސްފުޅިއެއްކަން ވަނީ ހެކިންގެ ބަހުން ސާބިތުވެފައެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވުމާ ގުޅިގެން، ކޯޓުން ވަނީ ހަ މަސްދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައެވެ. ނަމަވެސް، ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި އަށް ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެހެނީ ފަސް މަހާއި 22 ދުވަހުގެ ޖަލު ހުކުމެކެވެ.
ޙުސައިން ޢަދުނާނުގެ މައްޗަށް ދައުލަތުން އުފުލި "އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ" ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް 31 ގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޔޫތު އެމްޕަވާމަންޓް ޑިޕާޓްމަންޓް (ސޯޝަލް ސެންޓަރު) އަށް އޭނާ ހުއްދަނެތި ވަދެފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ސާބިތުކޮށްދޭން ހުށަހެޅި މައިގަނޑު ހެއްކަކީ، އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ ޑްރޯވަރު ތެރޭގައި އޮތް އުރީދޫ ކަލަންޑަރު ފޮއްޓަކުން ފެނުނު ޙުސައިން ޢަދުނާނުގެ ފިންގަޕްރިންޓެވެ.
ނަމަވެސް، ޝަރީޢަތުން ހުކުމް ކުރައްވަމުން ޤާޟީ އިބްރާހީމް ޛިހުނީ ވިދާޅުވީ، ފިންގަޕްރިންޓް ފެނިފައިވަނީ ހިފައިގެން އުޅެވޭ ފަދަ އުޅަނދެއް/އެއްޗަކުން ކަމަށްވެފައި، އެ ފޮއްޓަކީ އެހެން ތަނަކުން ގެނެސްފައިވާ އެއްޗެއް ނޫންކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ހަމައެކަނި އެ ހެއްކަށް ބަރޯސާވެ ކުށް ސާބިތުނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މި ދެ މައްސަލައިގެ ހުކުމްވެސް ކްރިމިނަލް ކޯޓުގައި ކުރައްވާފައިވަނީ ޤާޟީ އަލްއުސްތާޛު އިބްރާހީމް ޛިހުނީއެވެ.