މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ލައިފް ޖެކެޓު އަޅައިގެން ކަނޑު ދަތުރު ކުރުމަށް އެމްއެންޑީއެފުން އަންގައިފިއެވެ.
ސްކޫލުތައް ވެސް ބަންދު ވެފައިވާއިރު މި ހަފުތާ ބަންދުގައި ކަނޑުތައް ގަދަވެ، ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ ކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފުން ވަނީ، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި، އެމްއެންޑީއެފުން ވަނީ، ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވާން އެދިފައެވެ.
މީގެއިތުރުން، ޑައިވިން އަދި ވޯޓަ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރަން އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އެމްއެންޑީއެފުން މޫސުމަށް ސަމާލުވާން އެދުނުއިރު، ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މިގޮތުން، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
މޫސުން ގޯސް ދުވަސްވަރަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.