ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 21 އަށް އިތުރުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައިވާ ގަތަރު އެއާވޭސްގެ ފްލައިޓެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކުގެ އަދަދު އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ގްލޯބަލް ކަނެކްޓިވިޓީ ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ފިނި މޫސުމުގައި 170 ގައުމަކަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއަށް މިހާރު ހަފުތާއަކު ކުރަމުންދާ 12 ދަތުރުގެ އަދަދު 21 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ޤަތަރު އެއާވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެއް އެއާލައިނަށް ވާއިރު، މި ދަތުރުތައް އިތުރުވުމާއެކު މެދުއިރުމައްޗާއި، ޔޫރަޕް އަދި އެމެރިކާގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ އިންޑަސްޓްރީއާއެކު ކުރެވުނު މަސައްކަތުގެ އެދެވޭ ނަތީޖާ އަހަރުގެ ފަހު ކުއާޓަރުގައި ފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނާ ދިމާކޮށް އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

ނަމަވެސް މެދުއިރުމަތީގެ ހަނގުރާމަ ފެށި ފަހުން، ފަތުރުވެރިކަން އެންމެ ރަނގަޅުވީ މިދިޔަ މަހު ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

comment ކޮމެންޓް