ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންގެ އެންމެ އިތުބާރުކުރެވޭ ސެކިއުރިޓީ ގާޑު، ގުރްމީތު ސިންގު ޖޯލީ (ޝޭރާ)ގެ ދަރިފުޅު އަބީރު ސިންގް ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.
އަބީރު ފިލްމީ ދާއިރާއަށް ތަޢާރަފުވާނީ ކުރިއަށް އޮތް ހިންދީ ފިލްމު "ތަރުޒާން"އިންނެވެ. މި ފިލްމުގައި އަބީރުގެ އިތުރުން މަޝްހޫރު އެކްޓަރު ސޫރަޖް ޕަންޗޯލީ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.
ޝޭރާއަކީ ވޭތުވެދިޔަ ގިނަ އަހަރުތަކެއް ވަންދެން ސަލްމާންގެ ޕްރައިވެޓް ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކޮށް، އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ފަރާތެކެވެ. ބައްޕަ ކެމެރާގެ ފަހަތުގައި ސެކިއުރިޓީ ބަލަހައްޓައިދިނުމުގައި ހަރަކާތްތެރިވި ނަމަވެސް، އަބީރު ޚިޔާރުކުރީ ކެމެރާގެ ކުރިމަތިން އެކްޓަރެއްގެ ގޮތުގައި ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށެވެ.
ސަލްމާން އޭނާގެ ބޮޑީ ގާޑް ޝޭރާއާ އެކު--ފޮޓޯ/އިންޑިއާޓުޑޭމި ފިލްމުން ފެންނަ ސޫރަޖް ޕަންޗޯލީއަކީ ބޮލީވުޑްގެ ކުރީގެ ފިލްމީ ތަރިން ކަމަށްވާ އަދިތްޔަ ޕަންޗޯލީ އާއި ޒަރީނާ ވަހާބުގެ ދަރިފުޅެވެ. ސޫރަޖް ފިލްމީ ދާއިރާއަށް ތަޢާރަފުވީ 2015 ވަނަ އަހަރު ނުކުތް ފިލްމު "ހީރޯ"އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ސެޓެލައިޓް ޝަންކަރް"، "ޓައިމް ޓު ޑާންސް" އަދި "ކޭސަރީ ވީރު" ފަދަ ފިލްމުތަކުން ފެނިފައެވެ. ނަމަވެސް މިހާތަނަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ސޫރަޖްގެ ފިލްމުތަކަށް ލިބިފައެއް ނުވެއެވެ.
ފިލްމީ ދާއިރާގެ މަޝްހޫރު އާއިލާތަކާއި ގުޅުންހުރި ފަރާތްތަކަށް ފުރުސަތުތައް ލިބުނު ކަމުގައި ވިޔަސް، އަބީރުގެ ހުނަރާއި އެކްޓިންގް ފެންވަރު ސާބިތުކޮށްދިނުމަށް "ތަރުޒާން" ވެގެންދާނީ އޭނާއަށް ލިބޭ މުހިންމު އިމްތިހާނަކަށެވެ. ސަލްމާންގެ ބޮޑީގާޑްގެ ދަރިފުޅު ފިލްމީ ދާއިރާއަށް ތައާރަފްވުމުގެ ތައްޔާރީތައް ކުރަމުން އަންނައިރު ސަލްމާން ޚާންއަށް ބޮޑުބޭބެ ކިޔާ އަރްހާން ޚާން ވެސް ވަރަށް އަވަހަށް ފިލްމު އިންޑަސްޓްރީއާ ގުޅޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.