"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ގދ. އަތޮޅު ބުރުގެ ފައިނަލް މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫން ހޯދައިފިއެވެ.
މި މުބާރާތުގެ ގދ. އަތޮޅުގައި ބައިވެރިވެފައިވަނީ އެންމެ ދެ ރަށް ކަމަށްވާ ވާދޫއާއި ފަރެސްމާތޮޑާ ކަމަށްވުމުން، އެ ދެ ޓީމު ވަނީ ސީދާ ފައިނަލް މެޗުގައި ވާދަކޮށްފައެވެ.
ފަރެސްމާތޮޑާގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި ލަހުފާން މުޙައްމަދު ވަނީ ވާދޫއަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފު ފެށުނުތާ ގިނައިރުތަކެއް ނުވެ، ޢަބްދުالله އާހިލް ޢަލީގެ ވާތުފައިގެ ހިތްގައިމު ހަމަލާއަކުން ވާދޫން ލީޑު ފުޅާކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މުޙައްމަދު އިޔާދު ޢަލީ ވަނީ ވާދޫގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ގދ. އަތޮޅު ބުރުގެ ދެވަނަ ހޯދި ގދ. ފަރެސްމާތޮޑާ-- ފޮޓޯ: އައިލީ ވިޝުއަލްސްފަރެސްމާތޮޑާއިން ކުރި މަސައްކަތުން ޢަލީ ޝަހުމް ލަނޑެއް ޖަހައި އުއްމީދު އާކުރި ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާހިލްއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ކުޅުންތެރިއަކު މަދުވި ނަމަވެސް، ވާދޫން ވަނީ ލީޑު ހިފަހައްޓައި ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
އެފްއޭއެމްގެ އައު ފުޓްބޯޅަ އޮނިގަނޑުގެ ދަށުން ކުރިއަށްދާ މި މުބާރާތުގެ އަތޮޅު ބުރުގައި 59 ޓީމު ބައިވެރިވެފައިވާއިރު، މެޗުތައް ކުރިއަށްދަނީ 16 އަތޮޅެއްގައެވެ. މީގެ ތެރެއިން 5 އަތޮޅަކުން ބައިވެރިވީ އެންމެ ޓީމަކަށްވުމުން، އެ ޓީމުތަކަށް ވަނީ އޮޓޯމެޓިކުން ޒޯން ބުރުގެ ޖާގަ ލިބިފައެވެ. އެއީ މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫއެވެ.
"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ގދ. އަތޮޅު ބުރުގައި ފަރެސްމާތޮޑާ އާއި ވާދޫ ބައްދަލުކުރި މެޗުގެ ތެރެެއިން-- ފޮޓޯ: އައިލީ ވިޝުއަލްސްމިހާތަނަށް ކުޅުން ނިމުނު އެހެން އަތޮޅުތަކުގެ ޗެމްޕިއަނުންނަށް ބަލާއިރު، ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދިއިރު، ހދ. އިން ހަނިމާދޫ، ނ. އިން މަގޫދޫ، ރ. އިން ދުވާފަރު، ބ. އިން އޭދަފުށި، ޅ. އިން ހިންނަވަރު، ކ. އިން ގާފަރު، އއ. އިން މަތިވެރި، އދ. އިން ދަނގެތި، މ. އިން ދިއްގަރު، ފ. އިން ނިލަންދޫ، ދ. އިން މާއެނބޫދޫ އަދި ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ތިމަރަފުއްޓެވެ.
މި މުބާރާތުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު "ޒޯން ޗެމްޕިއަންޝިޕް" އަށް ކޮލިފައިވާނެއެވެ. ޒޯން ބުރުގެ އެންމެ މޮޅު ދެ ޓީމު "ރީޖަން ޗެމްޕިއަންޝިޕް" އަށް ހޮވޭއިރު، ރީޖަނަލް ޗެމްޕިއަނުންނަށް "ނެޝަނަލް ޗެމްޕިއަންޝިޕް" ގެ ޖާގަ ލިބޭނެއެވެ.
ނެޝަނަލް ބުރުގައި ވާދަކުރާ 4 ޓީމަށް 2027 ވަނަ އަހަރުގެ "މޯލްޑިވްސް ފުޓްސަލް ލީގު" އިން ފުރުޞަތު ލިބިގެންދާނެއެވެ. އެފްއޭއެމުން ކްލަބް މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި މުބާރާތުގެ އެންމެހައި އިންތިޒާމުތައް ކުރިއަށްދަނީ ކްލަބް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.