ބުރިޖު މަތީގައި ސައިކަލަކާއި ކާރެއް ޖެހި، އެކަކަށް އަނިޔާވެއްޖެ

ހައިވޭގައި ފުލުހުން ހަރަކާތްތެރިވަނީ: ބުރިޖު މަތީގައި ސައިކަލަކާއި ކާރެއް ޖެހި، އެކަކަށްވަނީ އަނިޔާވެފައި -- ފޮޓޯ/ ފުލުހުން

ސިނަމާލެ ބުރިޖު މަތީގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި، ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސިނަމާލެ ބުރިޖުގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަައި ކާރަކާއި ސައިކަލެއް ޖެހިފައިވާ ކަމަށް މިރޭ 19:01 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި، އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަަށް އައިސް ސިނަމާލެ ބުރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ވެސް ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިމެނެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް