ރާއްޖޭގައި ތަންފީޒު ކުރަމުން އަންނަ ގާނޫނުއަސާސީއަށް 18 އަހަރުވެފައިވާއިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާ ގޮތަށް ބަދަލުގެންނަން ޖެހޭކަން އެ އަހަރުތަކުގެ ތަޖުރިބާއިން ދަސްކޮށްދީފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތަކީ ރަނގަޅު ގޮތެއް ނޫންކަން، ފާއިތުވި އަހަރުތަކުގެ ތަޖުރިބާއިން އެނގޭ ކަމަށެވެ.
ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓެއްގެ ފަނޑިޔާރަކާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މީހަކާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ބަންޑާރަނައިބުގެ އިތުރުން ވަކީލެކެވެ.
ޖޭއެސްސީއަކީ ކޯޓުތަކުގައި ސުލޫކީ މިންގަނޑާއި ނަޒާހާތްތެރިކަން ނެގެހެއްޓުމުގެ ޒިންމާ އޮންނަ ތަނަކަށްވާއިރު، ޔާމީން ފާހަގަކުރެއްވީ، ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުގައި ފަނޑިޔާރުންނާއި ފަނޑިޔާރުން ހޮވާ ބޭފުޅުން ތިއްބަވާ ކަމެވެ.
"ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މީހުންނާއި، ދައުލަތުގެ ބަންޑާރަނައިބާއި ފަނޑިޔާރުންގެ ތެރެއިން ހައިކޯޓުން، ސުޕްރީމް ކޯޓުން ވަޑައިގެން މި ބޭފުޅުން ތިއްބަވައިގެނެއް މި ބޭފުޅުންގެ ސުލޫކީ މައްސަލައެއް ނުބެލޭނެ. އެކަމާ އަޅުގަނޑަށް ހީވަނީ އެންމެ ކުޑަކުއްޖާ ވެސް އެއްބަސްވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޖޭއެސްސީގެ ރައީސް ހިމެނޭހެން ބައެއް މެންބަރުން: ޖޭއެސްސީ އެކުލަވާލާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި -- ފޮޓޯ/ ޖޭއެސްސީޔާމީން ވިދާޅުވީ ޖޭއެސްސީއަކީ މުޅިން މިނިވަން ތަނަކަށް ވާން ޖެހޭނެ ކަމަށާއި އެ ކޮމިޝަނުގައި ސިޔާސީ މީހުންނާއި ފަނޑިޔާރުންނެއް ތިއްބަވައިގެން ނުވާނެ ކަމަށެވެ.
"އެހެންވީމަ މި 18 އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް ބުނެދީފި ޖޭއެސްސީގެ ކޮމްޕޮޒިޝަން ކަމުނުދާ ކަމަށް އެހެންވީމަ އެ ނޫން ގޮތަކަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވާން ޖެހޭނެ ކަމަށް އަޅުގަނޑު ހަމަ ދަންނަވާލާނީ،" ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނުއަސާސީއަށް 18 އަހަރު ފުރިފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރާއި ކުރީ ސަރުކާރުތަކުގައި ވެސް ޖޭއެސްސީއަށް ބަދަލުތައް ގެނައުމުގެ ވިސްނުންތައް ގެންގުޅެފައިވެއެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ސަރުކާރުން ސުޕްރީމް ކޯޓާއި މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ބޮޑެތި ތުހުމަތުތައް އަމާޒުވިއެވެ. އެއަށްފަހު އެމްޑީޕީން 2018ވަނަ އަހަރު ވެރިކަމަށް އައީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ވައުދުވުމަށް ފަހެވެ. ނަމަވެސް، 2019ވަނަ އަހަރު 19 ވަނަ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އެ މަސައްކަތް އެދެވޭ ގޮތެއްގައި ކޮށްފައި ނުވެއެވެ.
އެގޮތުން، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިގް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ތިން ފަހަރު ބިލެއް ހުށަހެޅުއްވުުމުން، އެމްޑީޕީން ވަނީ ތިން ފަހަރު ވެސް ބިލު ބޭރުކޮށްލައިފައެވެ.
މިދިޔަ ޑިސެންބަރު މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައި، އެ ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަށް އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.