އައިއޯއެސް 27 އަޕްޑޭޓަށް ތައްޔާރުތަ؟ މިއޮތީ ސަމާލުވާންވީ ކަންތައްތައް

އައިއޯއެސް 27ގެ ސިރީއަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ---

އެޕަލް ކުންފުނިން އައިފޯނުތަކަށް ދޫކޮށްލާ އައިއޯއެސް 27 ގެ ބޮޑު އަޕްޑޭޓް އާންމުކޮށް ނެރުމަށް ތައްޔާރުވަމުން އަންނައިރު، މި އަޕްޑޭޓް ފޯނަށް އެޅުމުގެ ކުރިން މުހިންމު ތައްޔާރީތަކެއް ވާންޖެހޭ ކަމަށް ޓެކްނޮލޮޖީ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

ޔޫޒާ އިންޓަފޭސް އަދި ޑިޒައިނަށް ގެނެސްފައިވާ ބަދަލުތަކުގެ އިތުރުން ސިރީ އޭއައި އަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ މި އަޕްޑޭޓް، އައިފޯން 11 އިން ފެށިގެން ފަހުގެ މޮޑެލްތަކަށް ސަޕޯޓްކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މި އަޕްޑޭޓް އެޅުމަށް ގާތްގަނޑަކަށް 18 ޖީބީ އާއި 25 ޖީބީއާ ދެމެދުގެ ހުސް ޖާގައެއް ބޭނުންވާނެ ----

މި އަޕްޑޭޓް ފޯނަށް އެޅުމަށްޓަކައި އެންމެ ފުރަތަމަ ސަމާލުކަން ދޭންޖެހެނީ ފޯނުގެ ސްޓޯރޭޖް ހުސްކުރުމަށެވެ. އަޕްޑޭޓް ޑައުންލޯޑްކޮށް، އިންސްޓޯލް ކުރުމުގެ މަރުހަލާގައި ވަގުތީ ފައިލްތައް ރައްކާކުރުމަށް ޖާގަ ބޭނުންވާތީ، ގާތްގަނޑަކަށް 18 ޖީބީ އާއި 25 ޖީބީއާ ދެމެދުގެ ހުސް ޖާގައެއް ފޯނުގައި ބެހެއްޓުން މުހިންމެވެ. ޖާގަ މަދު ފޯނުތަކުގައި ބޭނުންނުކުރާ އެޕްތަކާއި ފައިލްތައް ފޮހެލައިގެން ސްޓޯރޭޖް އިތުރުކުރެވިދާނެއެވެ.

އަޕްޑޭޓް ކުރިއަށްދާއިރު ފޯނުގެ ޗާޖު ހުސްވިޔަނުދިނުމަށްޓަކައި 50 އިންސައްތައަށް ވުރެ މަތީގައި ބެޓެރީ ހުރިނަމަވެސް، ޗާޖަރަށް ޖަހައިގެން އަޕްޑޭޓް ކުރިއަށް ގެންދިއުމަކީ އެންމެ ރައްކާތެރި ގޮތެވެ. އަދި ހަމައެއާއެކު، މެދުކެނޑުމެއްނެތި ހަލުވި ވައިފައި ކަނެކްޝަނަކަށް ފޯނު ގުޅާފައި ބެހެއްޓުން ކޮންމެހެން ބޭނުމެވެ.

މި އަޕްޑޭޓް އަޅާނެ ގޮތް އިޚްތިޔާރު ކުރުމުގެ ފުރުސަތު ފޯނުގެ ސެޓިންގްސްގެ ތެރެއިން ލިބެއެވެ. ސެޓިންގްސްގެ ތެރެއިން އޮޓޮމެޓިކް އަޕްޑޭޓްސް ޚިޔާރުކޮށްފައިވާނަމަ، އަޕްޑޭޓް ލިބޭ ވަގުތުން ފެށިގެން އަމިއްލައަށް އިންސްޓޯލް ނުވެ، ރޭގަނޑު ފޯނު ޗާޖަށް ޖަހާފައި ވައިފައިއަށް ގުޅިފައި ހުންނަ ވަގުތުތަކުގައި އަމިއްލައަށް އަޕްޑޭޓްވާނެއެވެ. ނަމަވެސް ވަގުތުން ވަގުތަށް އަޕްޑޭޓް އަޅަން ބޭނުންވާ ފަރާތްތަކުން ސޮފްޓްވެއާ އަޕްޑޭޓް ޕޭޖަށް ގޮސް މެނުއަލްކޮށް އަޕްޑޭޓް ކުރިއަށް ގެންދެވިދާނެއެވެ. އަދި އައިއޯއެސް 27ގެ ސިރީއަށް ގެނެސްފައިވާ ބަދަލުތައް ފަސޭހަކަމާއެކު މަސައްކަތްކުރުމަށް އެހީތެރިވެދޭ އިންޑެކްސިންގް އަޕްޑޭޓް ހިމެނޭ އައިއޯއެސް 26.6 އަޅާފައިވޭތޯ ޔަގީންކުރުމަކީ ވެސް އެދެވިގެންވާ ކަމެކެވެ.

މިފަދަ ބޮޑު ސޮފްޓްވެއާ އަޕްޑޭޓެއް އެޅުމުގެ ކުރިން ފޯނުގައިވާ މުހިންމު ޑޭޓާތައް ރައްކާތެރިކުރުމުގެ ގޮތުން ބެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އައިކްލައުޑް މެދުވެރިކޮށް ނުވަތަ މެކް އަދި ވިންޑޯސް ކޮމްޕިއުޓަރަކަށް ފޯނު ގުޅައިގެން ފުރިހަމަ ބެކަޕެއް ނެގުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެއިތުރުން، އަޕްޑޭޓަށްފަހު ފޯނު ލޮކްވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެޕަލް އައިޑީ އަދި ޕާސްވޯޑް ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

އައިއޯއެސް 27 އަކީ ވާދަވެރި ޖެމިނައި އަދި ޗެޓްޖީޕީޓީ ފަދަ ޕްލެޓްފޯމްތަކާ ވާދަކުރުމަށްޓަކައި އެޕަލް އިން ތައާރަފްކުރާ މުޅިން އާ ސިރީ އެޕްގެ އިތުރުން، ކިޔަން ފަސޭހަ ޑިޒައިނަކާއި، ހަލުވި ސްޕީޑާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ފީޗާތަކާއި އެހެނިހެން އެޕްތަކަށް ގިނަ ބަދަލުތަކެއް ގެނެސްދޭނެ އަޕްޑޭޓެކެވެ.

comment ކޮމެންޓް