ކޯޓުތަކުގައި މައްސަލަތައް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން މެންބަރުން ބްލެކްމެއިލް ކުރަމުންދާ ކަމަށް ސްރީލަންކާގެ މަޖިލިސް މެންބަރު ޖަގަތު ވިތާނަ ތުހުމަތު ކުރައްވައިފިއެވެ.
"ޑެއިލީ މިރޯ" ނޫހަށް މައުލޫމާތު ދެއްވަމުން މެންބަރު ޖަގަތު ވިދާޅުވިކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވަނީ، އަމިއްލައަށް މީޑިއާ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ބަޔަކު މަޖިލިސް މެންބަރުންނަށް ބިރުދައްކަމުންދާ ކަމަށެވެ. އަދި އެ މީހުން ބޭނުންވާ އަދަދަކަށް ފައިސާ ނުދީފިނަމަ، މެންބަރުންނާ ދެކޮޅަށް ކޯޓުތަކުގައި ހުރި މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކަށް ދީގެން އަގު ވައްޓާލާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ވެސް އޭނާ ހާމަކުރެއްވިކަމަށް ވެއެވެ.
މިކަމާ ގުޅޭގޮތުން އޭނާއަށް ދިމާވި ހާދިސާއެއް ހިއްސާކުރައްވަމުން ޖަގަތު ވިދާޅުވިކަމަށް އެ ނޫހުގައިވަނީ، މީގެ 15 އަހަރު ކުރިން އޭނާ ވިއްކި ބިމެއްގެ މުއާމަލާތަކާ ގުޅުވައިގެން މީހަކު އޭނާގެ އަތުން އެއް މިލިއަން ރުޕީސްއަށް ޑިމާންޑް ކުރި ކަމަށެވެ. އެ ބިމަކީ އޭނާގެ އަމިއްލަ މިލްކިއްޔާތުގައިވާ ބިމެއް ކަމަށާއި، ބިން ގަތް ފަރާތުން ފައިސާ ދައްކާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ބޭންކް އެކައުންޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އެކްޓިވިސްޓެއް ކަމަށް ދައުވާކުރާ މީހަކު ވަނީ، އެ ބިން ވިއްކާފައިވަނީ އިންތިހާއަށް ބޮޑު އަގުގައި ކަމަށް ބުނެ ވާހަކަ ދެއްކުމަށް ބިން ގަތް ފަރާތަށް ފައިސާގެ ހުށަހެޅުމެއް ހުށަހަޅާފައި ކަމަށް ޖަގަތު ވިދާޅުވިކަމަށެވެ.
އަދި އެއީ ގާނޫނާ ޚިލާފު މުއާމަލާތެއް ކަމަށް ބުނެ ދޮގު ޚަބަރުތަކެއް މިހާރުވެސް ފަތުރާފައިވާ ކަމަށާއި، އެ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމުގެ ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުޕީސް ހޯދުމަށް ޑިމާންޑް ކުރި ކަމަށް މެންބަރު ޖަގަތު ވިތާނަ ވިދާޅުވިކަމަށް ވެއެވެ.