ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ އިއްޒަތުގައި ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މިއަދު ހެނދުނު ކުރިއަށްދިޔައީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުވަޒީރު އަންވަރަށް އިސްތިޤުބާލު ކުރައްވާފައެވެ. މަރުހަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ބޮޑުވަޒީރަށް ރަސްމީ އޮނާގާޑެއް އަރުވާފައިވާއިރު، ސްކޫލު ދަރިވަރުންގެ ފަރާތުން ވަނީ ސަގާފީ ނެށުމެއް ހުށަހަޅައިދީފައެވެ. މި ރަސްމިއްޔާތަށްފަހު ދެ ލީޑަރުން އެކުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރައީސް އޮފީހަށް ވަޑައިގެން އަންވަރު ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން -- ފޮޓޯ: ރައީސް އޮފީސްރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ބައެއް ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒާއި ބޮޑުވަޒީރު އަންވަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަކިވަކިން ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިހާރު 58 އަހަރު ފުރިފައިވާއިރު، މިއީ ދެ ޤައުމުގެ ސަރުކާރުގެ އިތުރުން ރައްޔިތުންގެ މެދުގައިވެސް ވަރަށް ބަދަހި އަދި ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. މަތީ ފަންތީގެ މިފަދަ ޒިޔާރަތްތަކުގެ ސަބަބުން ދެ ޤައުމުގެ ތަރައްޤީގެ އެކި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.