ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ ދާއިރާއިންނާއި، އިސްލާމީ ކަންތައްތަކުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމާ ބެހޭ ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ. މެލޭޝިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަ އޮފް އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޖޮހާރީ އަބްދުލް ޣަނީއެވެ.
އިސްލާމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ ދާއިރާއިން ސޮއިކުރެވުނު ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ މިނިސްޓަރު ޖޮހާރީ އަބްދުލް ޣަނީއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިތުރުން، ދެ ގައުމުގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، ދިފާއީ އަދި އިސްލާމީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ކުރިން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ފެއްޓެވި މި ރަސްމީ ދަތުރުފުޅާ ގުޅިގެން ޖުމްހޫރީ މައިދާނުގައި އެމަނިކުފާނަށް ވަނީ ރަސްމީ އިއްޒަތުގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ރަސްމިއްޔާތުގައި ގައުމީ ދިފާއީ ބާރުގެ ފަރާތުން 21 ބަޑީގެ ސަލާމެއް އަރުވައި، ދެ ގައުމުގެ ގައުމީ ސަލާމް ކުޅެ، ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ. އަދި އެއަށްފަހު ދެ ގައުމުގެ ވެރިން ވަނީ ރައީސް އޮފީހުގައި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.