އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.
ޑރ. ޝަމްހީދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވާ ގިނަ ބޭފުޅުންނަކީ ރާއްޖެ ޑިމޮކްރަސީގައި މި ދަތުރުކުރި 18 ވަރަކަށް އަހަރުގެ ތެރޭގައި ފެއިލްވި ސިޔާސަތުތަކުގެ ބައިވެރިންނެވެ. އެހެންކަމުން، އޭނާ ރިޔާސީ ރޭހަށް ނުކުންނަވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން އާ ހިޔާލުތަކާއި އާ ހައްލުތަކާއެކުގައި ކަމަށް ވިދާޅުވިއެވެ.
"އެ ބޭފުޅުންގެ ތެރޭގައި އާ ހިޔާލެއް، އާ ވިސްނުންތަކެއް ގައުމާމެދު ހުންނާނެ ކަމަކާ މެދު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މި ބޭބޭފުޅުން ވެރިކަމަށް ޝައުގުވެރިކަން މި ހުންނަނީ ވެސް ވަކި ބަޔަކަށް ވެރިކަން ކޮށްދޭން،" ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ޝަމްހީދު ވިދާޅުވިއެވެ.
މީގެ ކުރިން މި ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ އިސް ގިނަ ބޭފުޅުންތަކެއް ވަނީ އިއުލާންކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން ފައްޔާޒު ރިޔާސީ ރޭހަށް ނުކުންނަވަނީ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދާއެކުއެވެ. މި ބޭފުޅުން މިހާރު ގެންދަވަނީ އިންތިޚާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
މީގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ފާޅުކުރައްވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ދާދި ފަހުން "ސަން" އަށް ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވައެވެ.