މަހަށް ނިކުމެ އުޅުނު، ގުޅީ ދޯންޏަކުން ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

ގުޅީ ދޯންޏަކުން ހޮވި މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ---- ފޮޓޯ/ މަސްވެރި އިހަވަންދޫ

ކ. ގުޅިއަށް ނިސްބަތްވާ ހަލިފާ ދޯނިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

ނަން ހާމަނުކުރަން ޝަރުުތުކޮށް، އެ ދޯނިން 'ސަން'އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ މާވަހަރު ފެނުނީ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް މީގެ ދެ ދުވަހެއް ކުރިން ކަމަށެވެ.

ދިހަވަރަކަށް ކިލޯގެ އެ މާވަހަރަކީ، ހުދަންބަރެއް ކަމަށް ލަފާކުރެވޭ ކަމަށާއި މިހާރު މާވަހަރެއްތޯ ޔަގީންކުރުމުގެ ޓެސްޓުތައް ހަދަމުން އަންނަ ކަމަށް އެ މީހާ ބުނެފައިވެއެވެ.

ހަލިފާ ދޯނިން މި މާވަހަރު ހޮވާފައި ވަނީ، އއ. ތޮއްޑުއާ ދިމާ 30 މޭލު ބޭރުން ކަމަށް އެ މީހާ ބުންޏެވެ. އަދި، މާވަހަރެއްތޯ ޔަގީންވުމުން ވިއްކާލަން ނިންމާފައިވާކަން އެ މީހާ ފާހަގަކުރިއެވެ.

މިއީ އަސްލު މާވަހަރަކަށް ވެއްޖެނަމަ، މި ބަރުދަނަށް ވަރަށް ރަނގަޅު އަގެއް ލިބޭނެއެވެ. މީގެ ކުރިން ވެސް ބައެއް ދިވެހީންނަށް މިފަދަ ފުރުސަތުތައް ލިބިފައި އެބަހުއްޓެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް މާވަހަރު ލައްގައިފައި ހުއްޓައި މީހުންނަށް ފެނި އެ ހޮވައިފައި އެބަހުއްޓެވެ. ހުދަންބަރަކީ މާވަހަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިކޭ އެއް ބާވަތެވެ.

comment ކޮމެންޓް