މެންޗެސްޓާ ޑާބީގައި ހިނގި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ބޮޑު ގޯހަކާ ގުޅިގެން، އެ މެޗުގެ ލީޑް ވީއޭއާރް އޮފިޝަލް މެޓް ޑޮނޮހިއު އާއި އެސިސްޓަންޓް ވީއޭއާރް ބްލޭކް އެންޓްރޯބަސް ކުރިއަށްއޮތް ޕްރިމިއާ ލީގު މެޗުތަކުން ސަސްޕެންޑުކޮށްފިއެވެ.
ރެފްރީންގެ ވެރިޔާ ހަވަޑް ވެބް ހިމެނޭ "ޕްރޯ ރެފް" ގެ އެގްޒެކެޓިވް ޓީމުން މި ފިޔަވަޅު އެޅީ، މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް އޮލްޑް ޓްރެފޯޑްގައި ބައްދަލުކުރި މެޗުގައި ހެދުނު ބޮޑު ގޯހަކަށް އެ އިދާރާއިން ރަސްމީކޮށް އެއްބަސްވުމަށް ފަހުއެވެ.
މި ނިންމުމާއެކު ދެ އޮފިޝަލުންވެސް ވަނީ ކުރިއަށްއޮތް ހަފްތާ ބަންދުގެ މެޗުތަކުންނާއި ކުރިއަށްއޮތް ކަރަބާއޯ ކަޕްގެ މެޗުތަކުން ވަކިކޮށްފައެވެ.
މި ބޮޑު ނިންމުން ނިންމަން ޖެހުނީ މެޗުގެ 60 ވަނަ މިނެޓުގައި އާލިން ހާލަންޑް ޖެހި ގޯލާ ގުޅިގެންނެވެ. އެންމެ ފުރަތަމަ ދަނޑުމަތީގެ ރެފްރީ މައިކަލް އޮލިވަާ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމި ނަމަވެސް، ވީއޭއާރް ރެފްރީ މެޓް ޑޮނޮހިއު ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހާލަންޑް ހުރީ އޮންސައިޑްގައި ކަމަށް ބުނެ އެ ނިންމުން ބަދަލުކުރިއެވެ.
ނަމަވެސް ވީއޭއާރް ޓީމަށް ނުބެލުނު ކަމަކީ، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އޮފްސައިޑް މަގާމެއްގައި ހުރެ ބޮލުން ބޯޅައިގައި ޖަހަން އުޅުމުގެ ސަބަބުން، ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓީނޭޒް އާއި ގޯލްކީޕަރު ސެންނޭ ލަމެންސް އަށް އޭގެ އަސަރު ފޯރި ކަމެވެ. އެހެންކަމުން ގަވާއިދާ އެއްގޮތަށް އެ ގޯލު ބަލައިގަނެވިގެން ނުވާނެއެވެ.
މެޗަށްފަހު ރެފްރީންގެ ޖަމިއްޔާ "ޕްރޯ ރެފް" އިން ވަނީ އެ ގޯލަކީ އުސޫލުތަކާ ހިލާފު ގޯލެއް ކަމަށް އެއްބަސްވެ، މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިން ރަސްމީކޮށް މާފަށް އެދިފައެވެ. އަދި ވީއޭއާރް އޮފިޝަލުން ދަނޑުމަތީގެ ރެފްރީއަށް އެ މަންޒަރު އަލުން ބެލުމަށް ލަފާދޭންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އަދަބެއްގެ ގޮތުން ސަސްޕެންޑުކުރި ދެ އޮފިޝަލުން ކުރިއަށްއޮތް އޮކްޓޯބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކް ނިމެންދެން އެއްވެސް މެޗަކުން ފެނުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ރެފްރީ މައިކަލް އޮލިވަާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ކުރިއަށްއޮތް އާދިއްތަ ދުވަހު ލިވަޕޫލާއި ބޯންމައުތު ބައްދަލުކުރާ މެޗުގެ ރެފްރީކަން ކުރާނެއެވެ.