ޖިއްދާ، މައްކާ އަދި ޠާއިފަށް ކުރިމަތިވެދާނެ 'ނުރައްކަލަކާ' ގުޅިގެން ސަޢުދީ ޢަރަބިއްޔާއިން ކުއްލި އިންޒާރު ދީފި

މައްކާ. ފޮޓޯ/ސައުދީ ގެޒެޓް

ސައުދީ އަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ކުރިމަތިވެދާނެ ކުއްލި ނުރައްކަލަކަށް ސަމާލުވުމަށް އެ ގައުމުގެ ސިވިލް ޑިފެންސުން އިންޒާރު ދީފިއެވެ.

"ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް" މެދުވެރިކޮށް މިއަދު މި އިންޒާރު ނެރެފައިވަނީ ޖިއްދާ، މައްކާ އަދި ތާއިފްގެ އިތުރުން ޔަންބޫއާއި އަލްއުލާ ހިމެނޭ ގޮތަށެވެ.

މައްކާއަކީ ހަރަމްފުޅު ވެސް ހުންނަ ބިމަށްވާއިރު އަޅުކަމަށް ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް އެ ސިޓީގައި އުޅެއެވެ. މިއީ ސްކޫލު ބަންދު ދުވަސްތަކެއްކަމުން ގިނަ އަދަދެއްގެ ދިވެހީން ވެސް ދަނީ އުމްރާގެ އަޅުކަމަށް މައްކާއަށް ދަތުރު ކުރަމުންނެވެ.

ސިވިލް ޑިފެންސުން އާންމުކުރި ރައްކާތެރިކަމުގެ އިރުޝާދުތަކުގައި ބުނެފައިވަނީ، އާންމުން ހާސްނުވެ، ވީހާވެސް އަވަހަކަށް ރައްކާތެރި އިމާރާތްތަކަށް ވަނުމަށެވެ. އަދި ހުޅުވިފައިވާ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނީތަކުގެ އިތުރުން އިމާރާތްތަކުގެ ފުރާޅުމައްޗަށް ނޭރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އިންޒާރުގެ މެސެޖު ލިބޭ ވަގުތު މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކުން، ބްރިޖުތަކާއި އުސް އިމާރާތްތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި މައްކާ ފަދަ ސަރަހައްދުތަކުގައި ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ 911 އަށް ގުޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

މި އިންޒާރުތައް ނެރެފައިވަނީ ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީ ޖަމާއަތާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައުދީގެ ދެކުނުގެ ސިޓީތަކަށް އަމާޒުކޮށް ޑްރޯން އަދި ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައެވެ. މިގޮތުން ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފަށް ދިން ހަމަލާތަކުގައި 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ އިސްކޮށް އޮވެ ހިންގާ ކޯލިޝަނުން ބުނެފައިވެއެވެ. ހޫތީން ބުނެފައިވަނީ އެ ޖަމާއަތުން އަމާޒުކުރީ ޚަމީސް މުޝައިތުގައި އޮންނަ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ކަމަށެވެ.

މީގެ ރައްދުގައި ސައުދީ ސިފައިން ވަނީ ޔަމަނުގައިވާ ހޫތީންގެ މަރުކަޒުތަކަށް އަމާޒުކޮށް 24 ގަޑިއިރުގެ ތެރޭގައި 54 ވައިގެ ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ 93،000 އަށް ވުރެ ގިނަ މީހުންނަށް އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް އދ.ގެ މައިގްރޭޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ. ފަހުން ސިވިލް ޑިފެންސުން ވަނީ މި ސަރަހައްދުތަކަށް އޮތް ނުރައްކާ ފިލައިގޮސްފައިވާ ކަމަށް ބުނެ، އިންޒާރުގެ ހާލަތު އުވާލާފައެވެ.

comment ކޮމެންޓް