ރާއްޖޭގެ ރަސްމީ ރިޒާވް 0.9 ޕަސެންޓް އިތުރުވިއިރު، ބޭނުންކުރެވޭ ރިޒާވް 9.6 ޕަސެންޓް ދަށްވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވް ވަނީ 638.0 މިލިއަން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ބޭނުންކުރެވޭ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އޮގަސްޓް މަހުގައި އެ އޮތޯރިޓީއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަށް ވުރެ، ބޭރު ފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުމެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅިގެން، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށް އެމްއެމްއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމަށް އޮގަސްޓް މަހުގެ ތެރޭގައި ބޭންކްތަކަށް ޑޮލަރު ވިއްކާފައިވާ މިންވަރު ވަނީ ކުރީ މަހާ އަޅައިބަލާއިރު 13.8 އިންސައްތައިން އިތުރުކޮށްފައެވެ.
މީގެ އިތުރުން، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ ދަށްވެފައެވެ. ފާއިތުވި ޖުލައި މަހާ އަޅައިބަލާއިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޓެކްސް އަދި ނޮން-ޓެކްސްގެ ގޮތުގައި އެމްއެމްއޭއަށް ލިބިފައިވާ ބޭރު ފައިސާ ވަނީ 14.3 އިންސައްތައިން ދަށްވެފައެވެ.
ބޭރު ފައިސާ ލިބޭ މިންވަރު އިތުރު ކުރުމަށް ރިސޯޓްތަކުން ޑޮލަރު މާރުކުރަން ޖެހޭ އަދަދު މި ފަހުން ވަނީ އިތުރު ކޮށްފައެވެ. މިގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން ބުނަނީ އޭގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށެވެ.