"ދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާނީ ޕީއެންސީން، 2028 ކާމިޔާބުކުރާނީ ވަރަށް ފަސޭހައިން"

ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ: އެމަނިކުފާނު ވަނީ ދެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގޮތް ނިންމާނީ ކޮންގްރެސް ޕާޓީއިން އަމާޒަކީ ފަސޭހައިން 2028 ކާމިޔާބުކުރުން ކަމަށް ވިދާޅުވެފަ --- ފޮޓޯ: ޕީއެންސީ

ދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާނީ މިހާރު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ކަމަށާއި އަމާޒަކީ ނިމިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ފަސޭހައިން ކުރިއަށް އޮތް 2028ގެ އިންތިޚާބު ކާމިޔާބުކުރުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްގެންދިޔަ ޕީއެންސީ ކޮންގްރެސް 2026ގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅިފައި ވަނީ ޕީއެންސީއާ ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން، އަމާޒަކީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމިދިޔަ ރިޔާސީ އިންތިޚާބަށްވުރެ ފަސޭހައިން ކާމިޔާބުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މަސައްކަތް އަދި މި ފެށުނީ. އަޅުގަނޑުމެން އަމާޒު ހިފަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ގޮތަށްވުރެ ފަސޭހައިން ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،ޕީއެންސީގެ ވެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުން ބޭނުންވާ އަމާންކަމާއި އޮމާންކަމާއި ހިޔާވަހިކަން ގެނެސްދެވޭނީ އަދުގެ ރައީސްގެ ސިޔާސަތުގެ ދަށުން ޕީއެންސީއަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކޮންގްރެސް ނިންމަވާލައްވާނީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކަމަަރު ބަނދެގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ: އެމަނިކުފާނު ވަނީ ދެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގޮތް ނިންމާނީ ކޮންގްރެސް ޕާޓީއިން އަމާޒަކީ ފަސޭހައިން 2028 ކާމިޔާބުކުރުން ކަމަށް ވިދާޅުވެފަ --- ފޮޓޯ: ޕީއެންސީ

އަބްދުއްރަހީމް ވަނީ ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ރާއްޖެ ތަރައްގީގެ މަގުން ކުރިއަރައިގެންދާން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދަންޖެހޭ ކަމަށާއި އެ ކަންކަން ކުރެވޭނީ މަދުވެގެން 10 އަހަރު އެއް ވެރިއަކު ވެރިކަމުގައި ހުރެގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަކީ ސިޔާސީ މަސައްކަތް ކުރާ މީހުން. ސިޔާސީ ޕާޓީ އުފައްދަނީ ވެރިކަންކުރަން. ވެރިކަމުގައި ނޯންނަ ވަގުތު ސަރުކާރު ޖަވާބުދާރީކުރަން. މިއީ މައިގަނޑު މަގްސަދު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.،ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުން ބޭނުންވަނީ މީގެ 900 އަހަރު ކުރިން ދިވެހީން ބަލައިގަތް އިސްލާމް ދީނުގެ ހިޔާވެހިކަންމަތީގައި މިނިވަންކަމާއެކު ތަރައްގީގެ މަގުން ކުރިއަރައިގެން ދިއުން ކަމަށް ވިދާޅުވެފައެވެ. އަދި ކޮންގްރެސް ޕާޓީއަކީ އެކަން ކުރުމުގެ ގާބިލްކަން ހުރި ޕާޓީއެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އަބްދުއްރަހީމް ވަނީ ސިޔާސީ މަސައްކަތަކީ އެއްގޮތަކަށްވެސް ގޭގައި ތިބެގެން ކުރެވޭނެ ކަމަސައްކަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މަސައްކަތް ކުރެވޭނީ މަގުމައްޗަށް ނިކުމެ ރައްރަށަށް ދަތުރުކޮށް ހޮޅުއަށިތަކަށް ޒިޔާރަތްކޮށް މީހުންނާ ވާހަކަދައްކައި ހިތްހެޔޮކަން ދައްކައިގެން ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މީހުންނަކީ އެއްވެސް ގޮތެއްގައި ބޮޑާވެ ކިބުރުވެރި ބަޔަކަށް ވެގެންނުވާނެ ކަމަށާއި އެމީހުން ވެގެންވާނީ ކޮންމެ ބަޔަކާވެސް ވާހަކަދައްކާލެވޭ ކޮންމެ މީހަކާ އެކުގައި ވެސް ސައިމޭޒުގައި އިށީނދެލެވޭ ކޮންމެ މީހަކު ދައްކާ ވާހަކަ އަޑުއަހާލެވޭނެ މީހަކަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކޮންގްރެސް ޕާޓީއިން ފެނިގެންދަނީ އެކަމުގެ ނަތީޖާ ކަމަށާއި 3،000 އިން 80،000 އަށް ޕާޓީގެ މެމްބަރުންގެ އަދަދު އުފުލުނީ އެކަމުގެ ސަބަބުން ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ އަތޮޅު ފެންވަރުގައި ސެމިނާތަކެއް ބޭއްވުމުގެ ވިސްނުން ރައީސް މުއިއްޒު މިއަދު ދެއްވިކަމަށް ވެސް ވިދާޅުވެފައެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީއަކީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ ތެރެއިން އުފަންވި "ކޯލިޝަން" ޕާޓީއެކެވެ.

ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް މުއިއްޒާ އެމަނިކުފާނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ރައީސް ޔާމީން ވަނީ އެ ޕާޓީއިން ވަކިވެ ވަޑައިގެން ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

comment ކޮމެންޓް