އަހާންއާ އެކު އަނަންޔާ އިތުރު ފިލްމަކުން ސްކްރީނަށް

އަހާން ޝެޓީ އަދި އާންޔާ ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

"ހޯންޓެޑް – އިކޯސް އޮފް ދަ ޕާސްޓް"އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، ޑައިރެކްޓަރު ވިކްރަމް ބަޓް އާއި ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ގުޅިގެން އުފައްދާ ބިރުވެރި ފިލްމު "1920: ކޯލްޑް ވިންޓަ"ގެ މައި ރޯލަށް އަހާން ޝެޓީއާ އެކު ބަތަލާ އާންޔާ ސިންގް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދިން މަސްދަރަކުން ހާމަކުރި ގޮތުގައި، "ދަ ބޭޑްސް އޮފް ބޮލީވުޑް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ އާންޔާ ސިންގް މިހާރު ވަނީ މި ފިލްމުގެ ލީޑް ރޯލަށް ހަމަޖައްސާފައެވެ. ފިލްމު އުފައްދާ ޓީމުން އާންޔާގެ އެކްޓިން ހުނަރާއި ސްކްރީން ޕްރެޒެންސަށް ވަރަށް ބޮޑަށް ތައުރީފުކޮށް، މި ރޯލަށް އެންމެ އެކަށޭނަ ފަންނާނަކީ އޭނާ ކަމަށް ވަނީ އިއްތިފާގުވެފައެވެ. މިއީ އާންޔާ ބޮލީވުޑްގެ ބިރުވެރި (ހޮރޯ) ޖޯންރާގެ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފަހަރު ކަމަށްވާތީ، އޭނާ ވެސް މިފިލްމާ މެދު ކުރާ އުއްމީދު ބޮޑު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަހާން ޝެޓީ، ޑައިރެކްޓަރު ވިކްރަމް ބަޓް އަދި އާންޔާ ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފާހަގަކޮށްލެވޭ ގޮތުގައި، އަހާން އަދި އާންޔާ ވަނީ ކާމިޔާބު ފިލްމު "ބޯޑާ 2"ގައި ވެސް އެކުގައި މަސައްކަތްކޮށްފައެވެ. އެ ފިލްމުގައި އަހާން ކުޅެފައިވަނީ ލެފްޓިނެންޓް ކޮމާންޑަރު މަހެންދްރަ ސިންގް ރާވަތުގެ ރޯލެވެ. އަދި އާންޔާ ކުޅެފައިވަނީ އެ ކެރެކްޓާގެ ރޯލެވެ. އެހެންކަމުން "1920: ކޯލްޑް ވިންޓަ" ވެގެންދާނީ މި ދެ ތަރިން ޖޯޑެއްގެ ގޮތުގައި ސްކްރީނުން ފެންނާނެ ދެވަނަ ފިލްމަށެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިންގް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިއީ ބޮލީވުޑްގެ މަގުބޫލު "1920" ފްރެންޗައިޒްގެ ހަވަނަ ފިލްމެވެ. މި ސިލްސިލާގެ ފެށުމަކީ 2008 ވަނަ އަހަރު ވިކްރަމް ބަޓް ޑައިރެކްޓްކޮށް، އަދާ ޝަރުމާ އަދި ރަޖްނީޝް ދުއްގާލް ތައާރަފުވި "1920"އެވެ. އެ ފިލްމަށް ލިބުނު ތަރުހީބު ކުޑަ ނަމަވެސް، 2012 ވަނަ އަހަރު ބުޝަން ޕަޓޭލް ޑައިރެކްޓްކުރި "1920: އީވިލް ރިޓަރންސް"އަށް ބޮޑު ތަރުހީބަކާއި ކާމިޔާބީއެއް ލިބުނެވެ. އޭގެ ފަހުން 2016ގައި ތިނޫ ސުރޭޝް ދެސާއީ ޑައިރެކްޓްކުރި "1920 ލަންޑަން" ނުކުތްއިރު، މި ސިލްސިލާގެ ދެވަނަ އަދި ތިންވަނަ ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޕްރޮޑިއުސްކުރީ ވެސް ވިކްރަމް ބަޓެވެ.

މީގެއިތުރުން، 2018 ވަނަ އަހަރު ރިލީޒްކުރި "1921" އަކީ ވިކްރަމް އަމިއްލައަށް ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ފިލްމެކެވެ. "1920 ލަންޑަން"އަށް ބޮކްސް އޮފީހުގައި އެދެވޭ ތަރުހީބެއް ނުލިބުނު ނަމަވެސް، "1921"އަށް ވަނީ ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިފައެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ނުކުތް "1920: ހޮރޯސް އޮފް ދަ ހާޓް" އަކީ ވެސް ވިކްރަމް ބަޓްގެ ޑައިރެކްޝަނެކެވެ. މިއީ ޕްރޮޑިއުސަރު އާނަންދު ޕަންޑިތާއެކު އޭނާ މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެއެވެ. އަވިކާ ގޯރް އަދި ދާނިޝް ޕަންޑޯރު މައި ރޯލުތައް ކުޅުނު އެ ފިލްމަކީ ބޮކްސް އޮފީހުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

comment ކޮމެންޓް