އެއާއޭޝިއާގެ އެތެރޭގެ އުދުހުންތަކުގެ މާކެޓް ޝެއާ ނެގިދާނެތޯ ބެލުމަށް، މެލޭޝިއާ ސަރުކާރުން މެލޭޝިއާ އެއާލައިންސްއާއި ބަޓިކް އެއާއާ އެކު މަޝްވަރާކޮށްފިއެވެ.
މަޢުލޫމާތު އެނގޭ ދެ ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކަކީ ދެކުނުއިރުމަތީ އޭޝިއާގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ އެއާއޭޝިއާގެ މާލީ ހާލަތު ސަރުކާރުން މޮނިޓަކުރަމުންދާތީ، ކުރިމަގުގައި ވެދާނެ ގޮތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މަޝްވަރާތަކެކެވެ.
މެލޭޝިއާ އެއާލައިންސްއާއި ބަޓިކް އެއާއިން ސަރުކާރަށް އަންގާފައިވާ ގޮތުގައި، އެއާއޭޝިއާގެ އޮޕަރޭޝަންތައް ފުޅާ ދާއިރާއެއްގައި އެ ކުންފުނިތަކަށް ނެގޭނީ އެއާއޭޝިއާގެ ބޯޓުތަކުގެ ލީސްތައް ވެސް ލިބޭ ނަމައެވެ. ސަބަބަކީ ބޯޓުތަކާ ނުލައި ރޫޓުތަކާއި ފަސިންޖަރުންނާ ހަވާލުވުމަކީ އުނދަގޫ ކަމަކަށް ވާނެތީ ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ. މީގެ އިތުރުން، އެއާއޭޝިއާ އެއްކޮށް ގަތުމުގެ ބަދަލުގައި، އެ ކުންފުނީގެ ރޫޓުތަކާއި ފަސިންޖަރުން ހިމެނޭހެން އަމިއްލަ އޮޕަރޭޝަންތައް ފުޅާކުރުމަށް ޝައުގުވެރިވާ ކަމަށް ވެސް އެ ދެ އެއާލައިނުން ވަނީ ސަރުކާރަށް އަންގާފައެވެ.
އެއާއޭޝިއާއިން ބުނެފައިވާ ގޮތުގައި މެލޭޝިއާގެ އޭވިއޭޝަން މާކެޓުގެ 40 ޕަސެންޓް އަދި އެތެރޭގެ އުދުހުންތަކުގެ 60 ޕަސެންޓް ކޮންޓްރޯލްކުރަނީ އެ ކުންފުނިންނެވެ.
އެއާއޭޝިއާއަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން ބޯޓު ތެލުގެ އަގު އުފުލުމުގެ ސަބަބުންނެވެ. ދެވަނަ ކުއާޓަރުގައި ތެލުގެ އަގު ވަނީ އޭގެ ކުރީ ކުއާޓަރާ އަޅައި ބަލާއިރު 66 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު އެވްރެޖްކޮށް 183 ޑޮލަރަށް އަރާފައެވެ. މިއާއެކު، ޖޫން 30 ގެ ނިޔަލަށް ނިމުނު ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 831 މިލިއަން ރިންގިޓްގެ ގެއްލުމަކާ ކުރިމަތިވެފައެވެ. މީގެ ތެރޭގައި ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓުގެ ސަބަބުން ލިބުނު 331 މިލިއަން ރިންގިޓްގެ ގެއްލުން ހިމެނެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ޖޫން 30 ގެ ނިޔަލަށް އެ ކުންފުނީގެ ކަރަންޓް ލައިބިލިޓީސް 18.4 ބިލިއަން ރިންގިޓް (4.51 ބިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، ލޭންޑިންގ އަދި ޕާކިންގ ފީގެ ގޮތުގައި އެއާޕޯޓް އޮޕަރޭޓަރު މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސް ބަރްހާދް (އެމްއޭއެޗްބީ) އަށް މަދުވެގެން 500 މިލިއަން ރިންގިޓް ދައްކަން ޖެހެއެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މާކެޓުން އެއް ބިލިއަން ޑޮލަރު އަދި ލޯކަލް ކްރެޑިޓް ފެސިލިޓީތަކުން 700 މިލިއަން ރިންގިޓް ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މި މަހު އެއާއޭޝިއާއިން ވަނީ ބުނެފައެވެ. ނަމަވެސް، މަޢުލޫމާތު އެނގޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް މަދުވެގެން ތިން ބިލިއަން ޑޮލަރުގެ އާ ކެޕިޓަލް ބޭނުންވާނެއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ދަނީ ފައިދާ ނުވާ ރޫޓުތައް ހުއްޓާލައި، 25 ބޯޓެއް އަނބުރާ ފޮނުވާލުމުގެ އިތުރުން ވެންޑަރުންނާއެކު ހަދާފައިވާ ކޮންޓްރެކްޓްތައް އާކުރަމުންނެވެ.
އެއާއޭޝިއާ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ފާރޫގް ކަމާލް ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އެ ކުންފުނިން އަމާޒު ހިފާފައިވަނީ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށެވެ. އަދި ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަކީ ކުންފުނީގެ ބޭނުންތަކަށް ފުދޭ މިންވަރެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެއާއޭޝިއާއަށް ބޭނުންވާ ފަންޑިން ދެނެގަތުމަށް އޯލްޓަން އޭވިއޭޝަން ކޮންސަލްޓަންސީއާ ހަވާލުކޮށްފައެވެ.