ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު ހޯއްދެވިއިރު، އެ އިންތިޚާބުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ނާކާމިޔާބުވެއްޖެއެވެ.
ޕާޓީގެ ނައިބު ރައީސްކަމުގެ ހަ މަގާމަށް އަށް ބޭފުޅަކު ވާދަކުރެއްވި މި އިންތިޚާބުގައި، ޖުމްލަ 1095 މަންދޫބުން ވަނީ ވޯޓުލާފައެވެ.
އިންތިޚާބީ ކޮމިޓީން އިއްވި ނަތީޖާއިން ދައްކާގޮތުން ނައިބު ރައީސްގެ މަގާމަށް ހޮވުނީ ރާފިއުގެ އިތުރުން ފިޝަރީސް މިނިސްޓަރު އަޙުމަދު ޝިޔާމް، ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ، ބާރަށު ދާއިރާގެ މެންބަރުން އިބްރާހީމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.
އޭގެ ތެރެއިން، 968 ވޯޓު (88.4 އިންސައްތަ) އާއެކު އެންމެ ގިނަ ވޯޓު ހޯއްދެވީ ރާފިޢުއެވެ.
ޕީއެންސީގެ ނައިބު ރައީސްކަމުގެ އިންތިޚާބުން ނާކާމިޔާބުވި އަސްމާއާއި ނިމާލް --ޝިޔާމަށް 964 ވޯޓު (88.04 އިންސައްތަ) ލިބިވަޑައިގެންނެވި އިރު، ސައުދާ ވަނީ 923 ވޯޓު (84.29 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ.
މީގެ އިތުރުން ޝުޖާއުއަށް 862 ވޯޓު (78.72 އިންސައްތަ)، ސައީދަށް 833 ވޯޓު (76.07 އިންސައްތަ) އަދި މުންދުއަށް 780 ވޯޓު (71.23 އިންސައްތަ) ލިބިވަޑައިގަތެވެ.
މި އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ނިމާލަށް 301 ވޯޓު (27.49 އިންސައްތަ) ލިބިވަޑައިގަތްއިރު، އަސްމާއަށް ލިބިވަޑައިގަތީ 288 ވޯޓު (26.30 އިންސައްތަ) އެވެ.
އެ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ކިއުއާރް ކޯޑު މެދުވެރިކޮށެވެ.
އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް ވާނަމަ މިއަދު މެންދުރުފަހު 2:00 ގެ ކުރިން ލިޔުމުން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ހަވީރު 4:00 އާ ހަމައަށް ޝަކުވާތައް ބެލުމަށްފަހު، ހަވީރު 6:00 ގެ ކުރިން ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމަށް ޕީއެންސީގެ އިންތިޚާބީ ކޮމިޓީން މައުލޫމާތުދެއެވެ.
ޕީއެންސީގެ މަގާމުތަކަށް އިންތިޚާބުވާ ފަރާތްތަކާއެކު މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.