ސްޓާބަކްސް ކޯޕަރޭޝަނުން އެ ކުންފުނީގެ ޖަޕާނު ވިޔަފާރީގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަށް ވިސްނަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.
ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރަށް އަގުކުރެވޭ މި ވިޔަފާރިއަކީ، އެމެރިކާއިން ބޭރުގައި ސްޓާބަކްސްއިން އަމިއްލައަށް ހިންގާ އެންމެ ބޮޑު މާކެޓެވެ. މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، މި ހިއްސާ ވިއްކާލުމުގެ ރަސްމީ މަސައްކަތްތައް މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަށާނެ ކަމަށް ބެލެވެއެވެ. ޖަޕާނުގެ ވިޔަފާރީގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަށް ކުރިއަށްގެންދާ މަސައްކަތުގައި، ދުނިޔޭގެ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތަކާއި ޖަޕާނުގެ ލޯކަލް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
ޖަޕާނުގައި ސްޓާބަކްސްގެ 1،883 ފިހާރަ ހިންގަމުންދާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ބަލާއިރު އެ ކުންފުނީގެ ދުނިޔޭގެ ވިއުގަައިގެ ގާތްގަނޑަކަށް ނުވަ ޕަސެންޓެވެ. މިކަމަށް ލަފާ ހޯދުމަށް މާލީ މުޝީރުންނާ ސްޓާބަކްސްއިން މިހާރު ވަނީ މަޝްވަރާކުރަން ފަށާފައެވެ.
ސްޓާބަކްސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ޖަޕާނަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ބިނާކޮށްފައިވާ ވަރަށް ވަރުގަދަ އަދި އިތުބާރު ހިފޭ މާކެޓެކެވެ. އަދި ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމަށް ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބްލޫމްބާގުން މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާނުގެ ވިޔަފާރީގެ ހިއްސާ ވިއްކާލުމާ މެދު ސްޓާބަކްސްއިން އޭރުވެސް ދިޔައީ ވިސްނަމުންނެވެ.
މި ބަދަލުތައް ގެންނަން ފަށާފައިވަނީ ސްޓާބަކްސްގެ އާ ޗީފް އެގްޒެކެޓިވް ބްރަޔަން ނިކޯލްގެ ލީޑާޝިޕްގެ ދަށުން ކުންފުނީގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިންނެވެ. ޚަރަދުތައް ކުޑަކޮށް، ފައިދާ އިތުރުކުރުމުގެ ގޮތުން ނިކޯލް ވަނީ އުތުރު އެމެރިކާގެ ބައެއް ފިހާރަތައް ބަންދުކޮށް، ކޯޕަރޭޓް ވަޒީފާތަކެއްވެސް މަދުކުރައްވާފައެވެ. ޓީޑީ ސެކިއުރިޓީސްގެ އެނަލިސްޓުން ފާހަގަކުރި ގޮތުގައި، ޖަޕާނުގެ ވިޔަފާރިން ފައިސާ ހޯދުމަކީ ސްޓާބަކްސްއަށް ސްޓްރެޓީޖިކް ގޮތުން ފައިދާހުރި ކަމަކަށް ވާނެއެވެ. ސަބަބަކީ މިއީ އެމެރިކާގެ މައިގަނޑު ވިޔަފާރި އަލުން ކޮޅަށްޖެހުމަށް މެނޭޖްމަންޓަށް އިތުރަށް ސަމާލުކަން ދިނުމަށް ލިބޭނެ ފުރުސަތަކަށް ވުމެވެ. ސްޓާބަކްސްގެ ބައިނަލްއަގުވާމީ މާކެޓުގެ ސޭލްސް ތިންވަނަ ކުއާޓަރުގައި 5.7 ޕަސެންޓް ކުރިއަރާފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ޖަޕާނުގެ މާކެޓުން ލިބުނު ކުރިއެރުން ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ސްޓާބަކްސްއިން ވަނީ ޖަޕާނުގައި އެ ކުންފުނީގެ ޕާޓްނަރެއްގެ ގޮތުގައި އޮތް ސަޒަބީ ލީގުގެ ހިއްސާ 914 މިލިއަން ޑޮލަރަށް ގަނެ، މުޅި ވިޔަފާރީގެ ކޮންޓްރޯލް ނަގާފައެވެ. އޭރު އެ ވިޔަފާރީގެ އަގު އުޅުނީ 1.5 ބިލިއަން ޑޮލަރުގައެވެ. އޭގެ ފަހުން ޖަޕާނުގައި ހުރި ފިހާރަތަކުގެ އަދަދު ވަނީ 1،050 އިން 1،883 އަށް އިތުރުވެފައެވެ. މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހު ސްޓާބަކްސްއިން ވަނީ ޗައިނާގައި ހިންގާ ވިޔަފާރީގެ ކޮންޓްރޯލް ބޯޔޫ ކެޕިޓަލްއަށް ދީފައެވެ.
ޖުމްލަ ހަތަރު ބިލިއަން ޑޮލަރަށް އަގުކުރެވުނު އެ ވިޔަފާރީގެ ހިއްސާ ވިއްކާލީ، ޗައިނާގެ މާކެޓުގައި ވާދަވެރިކަން ބޮޑުވެ، ވިޔަފާރީގެ ދުވެލި މަޑުޖެހުމާ ގުޅިގެންނެވެ. ޗައިނާގެ ވިޔަފާރީގެ ޖުމްލަ އަގު 13 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދާނެ ކަމަށް ސްޓާބަކްސްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ހިއްސާ ވިއްކާލައިގެން ލިބުނު ފައިސާއާއި، ކުންފުނީގައި ބާކީ އޮތް ހިއްސާގެ އަގުގެ އިތުރުން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ލައިސަންސް ފީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ހިމެނެއެވެ.