އިސްރާއީލުގެ އާމީ ޗީފް އާއެކު އަރަބި 7 ގައުމެއްގެ އަސްކަރީ ވެރިން

ސެންޓްކޮމް ގެ ބައެއް އިސްކޮމާންޑަރުން--

ވޮޝިންޓަން (16 ސެޕްޓެމްބަރު 2026): އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި އެމެރިކާއާއި އިސްރާއީލު ސިފައިންގެ އިސްވެރިން އަރަބި ހަތް ގައުމެއްގެ އަސްކަރީ އިސްވެރިންނާއެކު ޖަރުމަނުގައި ސިއްރު ބައްދަލުވުމެއް ބޭއްވިކަން ފަޅާއަރައިފިއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "އެކްސިއޮސް" ބުނާގޮތުން މިދިޔަ ހަފްތާގައި ބޭއްވި މި ބައްދަލުވުން އިންތިޒާމުކުރީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ އިސްކޮމާންޑަރު އެޑްމިރަލް ބްރެޑް ކުޕާއެވެ. ސެންޓްކޮމް އިން ޖަރުމަނުގައި ބޭއްވި މި ސިއްރު ބައްދަލުވުމުގައި ބައިވެރިވި އަރަބި ގައުމުތަކުގެ ތެރޭގައި ޔަހޫދީ އިސްރާއީލަށް އިއުތިރާފްވެ ޔަހޫދިންނާ ގުޅުންތައް ގާއިމްކޮށްފައިވާ އަރަބި ހަތަރު ގައުމު ކަމަށްވާ މިސްރު، އުރުދުން، ޔޫއޭއީ އަދި ބަހްރައިން މި ހަތަރު ގައުމުގެ އަސްކަރީ އިސްވެރިންގެ އިތުރުން އިސްރާއީލަށް އިއުތިރާފް ނުވާ އަރަބި ތިން ގައުމު ކަމަށްވާ ކުވައިތު، ސައޫދީ އަރަބިއާ އަދި ގަތަރު މި ތިން ގައުމުގެ ސިފައިންގެ އިސްވެރިންނާއި އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އިޔާމް ޒަމީރު ވެސް ބައިވެރިވިއެވެ.

އިޔާމް ޒަމީރަކީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންގެ ލެއިން ތަތްތެޅިފައިވުމުގެ އިތުރުން ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ލީޑުކުރާ އަސްކަރީ އިސް ކޮމާންޑަރެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި އޭނާ އިސް ދައުރެއް އަދާކުރާތީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފައެވެ.

"އެކްސިއޮސް" ބުނާ ގޮތުން މި ބައްދަލުވުމާމެދު އެމެރިކާ ސަރުކާ ރުވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެއީ އިސްރާއީލަށް އިއުތިރާފް ނުވާނެކަމަށް ބެލެވޭ ތިން ގައުމު ކަމަށްވާ ކުވައިތު، ސައޫދީ އަރަބިއާ އަދި ގަތަރުގެ އަސްކަރީ އިސްވެރިން އިސްރާއީލުގެ ޗީފް އޮފް ސްޓާފް ހިމެނޭ މަޝްވަރާތަކެއްގައި ބައިވެރިވެފައި ވާތީއެވެ. މިއީ އަދި މިހާތަނަށް އިސްރާއީލަށް އިއުތިރާފް ނުވާ އަރަބި މިތިން ގައުމުގެ އަސްކަރީ ވެރިންނަށް ތައާރަފްވެ 'ފޭސްޓު ފޭސް'ކޮށް މަޝްވަރާ ކުރުމަށް އިސްރާއީލުގެ އަސްކަރީ ވެރިޔާ އިޔާލް ޒަމީރަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެމެރިކާ ސަރުކާރުން ދެކޭކަމަށް ވައިޓް ހައުސްގެ ތަރުޖަމާނާ ހަވާލާދީ "އެކްސިއޮސް" ބުނެފައިވެއެވެ.

މި ސިއްރު ބައްދަލުވުމާ ބެހޭ ގޮތުން އަރަބި މި ހަތް ގައުމުގެ ތެރެއިން އެއް ގައުމަކުން އެކައްޗެއް ވެސް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް ޔޫއޭއީގައި ހުންނަ އިސްރާއީލުގެ ސަފީރު ޔޫސީ ޝަލޭ ވަނީ ކުރިޔަށް އޮތް މަސްތަކުގައި އަރަބި އިތުރު ގައުމަކުން އިސްރާއީލަށް އިއުތިރާފްވެ، އިސްރާއީލު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށާއި، އެ ގައުމަކީ ކުވައިތު ކަމަށް ވަނީ ބުނެފައެވެ. މިއާއެކު ކުވައިތުން އަބްރަހަމް އެކޯޑުގައި ވެސް ބައިވެރިވާނެކަމަށް ޝަލޭ ބުނެފައިވެއެވެ.

އަބްރަހަމް އެކޯޑަކީ ފަލަސްތީނުގެ ހައްގުތައް ނުދީ އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ވެސް ނުދީ އަރަބި އިސްލާމީ ގައުމުތައް އިސްރާއީލަށް އިއުތިރާފްވެ، އިސްރާއީލު ބަލައިގަތުމަށް ޚާއްސަކޮށްގެން އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އެއްބަސްވުމެކެވެ.

ނަމަވެސް ޔޫއޭއީ، ބަހްރައިން އަދި މޮރޮކޯ ވަނީ މިއެއްބަސްވުމުގައި ސޮއިކޮށް އިސްރާއީލަށް އިއުތިރާފް ވެފައެވެ. މިސްރާއި އުރުދުން އަކީ މި އެއްބަސްވުމުގެ ކުރިން އިސްރާއީލަށް އިއުތިރާފް ވެފައިވާ ދެގައުމެވެ.

އަބްރަހަމް އެކޯޑުގައި ސޮއިކޮށް އިސްރާއީލަށް އިއުތިރާފް ވުމަށް އެމެރިކާ ގެންދަނީ ޚާއްސަކޮށް އަރަބި ގައުމުތަކަށް އަދި އާންމުކޮށް ހުރިހާ އިސްލާމީ ގައުމުތަކަށް ބާރުއަޅައި ބައެއް ގައުމުތަކަށް ޕްރެޝަރުވެސް ކުރަމުންނެވެ. އެމެރިކާއަކީ އިސްރާއީލުގެ ޓެރަރިޒަމް އެންމެ ބޮޑަށް ސްޕޮންސާ ކުރާ އަދި އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު