މައިކްރޯސޮފްޓް ވަންޑްރައިވް ސިންކް ހުއްޓާލުމާ ގުޅިގެން ސެމްސަންގް ގެލެރީގެ ބެކްއަޕް ގޫގްލް ކްލައުޑަށް ބަދަލުކުރަން ނިންމައިފިއެވެ.
ސެމްސަންގް ގެލެރީ އެޕް މެދުވެރިކޮށް މައިކްރޯސޮފްޓް ވަންޑްރައިވްއަށް ސީދާ ފޮޓޯ އަދި ވިޑިއޯ ބެކްއަޕް ކުރެވޭގޮތަށް އޮތް އިންޓަގްރޭޝަން މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ.
މި ޚިދުމަތް ހުއްޓާލަން ކައިރިވެފައިވަނިކޮށް، ސެމްސަންގުން ދަނީ އެ ކުންފުނީގެ ގެލެރީ އެޕަށް އާ ކްލައުޑް ބެކްއަޕް އޮޕްޝަނެއް ތައާރަފުކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ގެލެރީ ކްލައުޑް ސިންކްގެ އާ ވާޝަނެއް ގެލެކްސީ ސްޓޯރުން ވަނީ ފެނިފައެވެ.
އެކްސް (ކުރީގެ ޓްވިޓާ) ގެ ބޭނުންކުރާ ފަރާތެއް ކަމަށްވާ ސަންދީޕް އަދަޕް ފާހަގަކޮށްފައިވާ ގޮތުގައި، ގެލެކްސީ ސްޓޯރުގައި ހުރި ސެމްސަންގް އިލެކްޓްރޯނިކްސްގެ އާ ގެލެރީ ކްލައުޑް ސިންކް އެޕްގެ ތަފްސީލުގައި ފޮޓޯއާއި ވިޑިއޯ ގޫގްލް ކްލައުޑަށް ބެކްއަޕް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އާ ފީޗާ ހިމެނެނީ ގެލެރީ ކްލައުޑް ސިންކް އެޕްގެ ވާޝަން 1.6.09.31 ގައެވެ. މި އަޕްޑޭޓާއެކު، ސެމްސަންގް ގެލެރީ އެޕްގެ ތެރެއިން ސީދާ ގޫގްލްގެ ކްލައުޑް އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން މީޑިއާ ބެކްއަޕް ކުރެވޭނެއެވެ.
މި ގޮތަށް ބެކްއަޕްކުރެވޭ ފޮޓޯއާއި ވިޑިއޯ ސެމްސަންގް ގެލެރީގެ އިތުރުން ގޫގްލް ފޮޓޯސް އެޕް މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށް ގޫގްލްގެ ސަޕޯޓް ޕޭޖުން ކަށަވަރުކޮށްދެއެވެ. މީގެ ސަބަބުން ގެލެކްސީ ބޭނުންކުރާ ފަރާތްތަކަށް އެކި ޑިވައިސްތަކުން އެ މީހުންގެ ފޮޓޯތަކަށް ވާސިލުވުމަށް ފަސޭހަވެގެންދާނެއެވެ.
މި ޚިދުމަތް ލިބޭނީ ހަމައެކަނި ސެމްސަންގް ޑިވައިސްތަކަށް ކަމަށް ބެލެވޭއިރު، މި އެޕް ބޭނުންކުރެވޭނީ ސެމްސަންގް އެކައުންޓަކަށް ސައިންއިން ވެގެންނެވެ.
މައިކްރޯސޮފްޓުން މޭ މަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސެޕްޓެމްބަރު 30ގެ ފަހުން ސެމްސަންގް ގެލެރީއާއި ވަންޑްރައިވްގެ ސީދާ ސިންކްވުން ހުއްޓޭނެއެވެ. އަދި ވަންޑްރައިވްގައި ހުރި ފޮޓޯތައް ސެމްސަންގް ގެލެރީ އެޕުން ފެންނަން ނުހުންނާނެއެވެ.
ނަމަވެސް ގޫގްލް ކްލައުޑާއެކު އަންނަ އާ އިންޓަގްރޭޝަނާ ގުޅޭގޮތުން ސެމްސަންގުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.