އުވާލަން ނިންމައިފައިވާ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޝިއުނާ: އޭނާ ވަނީ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމުން ވަކިކޮށްފައި --

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހައްވާ ޝިއުނާ ޚާލިދު މިއަދު ވަކިކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ ޝިއުނާ މަގާމުން ވަކިކުރަން ނިންމައިފައިވާކަން އޭނާއަށް އަންގައިފައެވެ.

ޝިއުނާ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ފުރަތަމަ ދުވަސްކޮޅު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް 2024 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށާއި ޚަރަދު ކުޑަކުރުމަށް ބައެއް ކުންފުނިތައް އުވާލަން ނިންމިއެވެ. އެގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައި، އެ ކުންފުނިން ކުރިއަށް ގެންދާ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ގާނޫނާ އެއްގޮތަށް ކުރިއަށް ގެންގޮސް، އެ ދާއިރާއިން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ނިންމިއެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ގަވާއިދަށް އިތުރުކުރަން ސަރުކާރުން ނިންމިއެވެ.

https://sun.mv/216924

އެއާއެކު ވަޒީރުންގެ މަޖިލީހުން ނިންމީ، އެމްއައިޓީޑީސީ އުވާލުމަށް ފަހު އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްއެފްއެމްސީގެ ދަށަށް ބަދަލުކުރުމަށެވެ. އެ ނިންމުމަށް މިހާރު ދެ އަހަރުވެފައިވީއިރު ވެސް، ނިންމުން ތަންފީޒު ކުރެވިފައިނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އިއުލާނެއް ވެސް ކޮށްފައިވެއެވެ.

މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އިއުލާންކުރި ފިޔަވަޅުތަކުގެ ދަށުން ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް ނިންމި ނަމަވެސް، އައު ކުންފުނިތައް އުފައްދާފައިވާކަން ވެސް ފާހަގަކުރެވެއެވެ.

comment ކޮމެންޓް