އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން، އަސާސީ މުދާ ލިބުމަށް ދައްޗެއް ނުވާނެ: ފިނޭންސް

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: -- ފޮޓޯ/ ރައީސް އޮފީސް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލްގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކުރި ނަމަވެސް މުދާ ލިބުމުގައި ދައްޗެއް ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މި ފައިސާ ދެއްކުމާއެކު، ވެސް ތެލާއި ކާޑުގެ ބާވަތްތަކާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.

މި ފައިސާއަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ ފެސިލިޓީއެއްގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފެސިލިޓީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަހަރުގެ ޖެނުއަރީ މަހު ދައްކާފައިވާއިރު، އިތުރު 50 މިލިއަން ޑޮލަރު ވަނީ މޭ މަހުގެ 11 ވަނަ ދުވަހު ދައްކާފައެވެ. މިއަދު ދެއްކި ފައިސާއާއެކު، ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ދަރަނި ވަނީ އެއްކޮށް އަދާކޮށް ނިމިފައެވެ.

https://sun.mv/227600

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ނިމިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ފައިސާ ހުރި އަދަދެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ސަރުކާރުން މި ޔަގީންކަން ދީފައިވަނީ، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމާއެކު ރާއްޖޭގެ ރިޒާވަށް ބޮޑު ދަތިތަކެއް ކުރިމަތިވެ، އަސާސީ މުދާ ގަތުމަށް ހުރަސްއެޅޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، މި ފައިސާ ދެއްކުމުން އެމްއެމްއޭގެ ޔޫޒަބަލް ރިޒާވަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ހޯދުމުގައި ސަރުކާރަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ޒަރޫރީ މުދަލާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި، މުދާ އެތެރެކުރުމަށް ދަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުން ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމުގެ މަސައްކަތްވެސް މެދުނުކެނޑި ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި ފިޔަވަޅުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި، މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާތީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ. މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުންތައް އުފެދިފައިވަނީ، މިއަހަރުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހިފައިވުމާއެކު، ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ބޭރު ފައިސާގެ ލިކުއިޑިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ސަރުކާރުން އަންނަނީ ދަރަނިތައް ގަވާއިދުން ދައްކަމުންނެވެ.

މީގެ އިތުރުން، މި އަހަރު ރާއްޖޭގެ ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1.7 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި މި އަހަރުގެ ފަހުކޮޅު ދައްކަންޖެހޭ ބާކީ ޢަދަދު ގާތްގަނޑަކަށް 600 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދަށް އަރައެވެ. މި އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކެއް އަދާކޮށް، އިންޑިއާއާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ކާމިޔާބުކަމާއެކު ޚަލާޞްކޮށްފައެވެ.

comment ކޮމެންޓް