އީރާނާއި ޗައިނާގެ މުއާމަލާތްތަކަށް އެހެން ގައުމަކަށް ހުރަސްނޭޅޭނެ: ވާންގްޔީ

އީރާނާއި ޗައިނާ ގެ މުއާމަލާތްތަކަށް އެހެން ގައުމަކަށް ހުރަސްނޭޅޭނެ

ބެއިޖިން (17 ސެޕްޓެމްބަރު 2026) : އެމެރިކާ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައި ލާން ޖެހޭކަމަށާއި އީރާނާއެކު ޗައިނާ ކުރިއަށް ގެންދާ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކަށް ހުރަސްއެޅުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނެ ކަމަށް ޗައިނާ ބުނެފިއެވެ.

ޗައިނާއަށް ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤްޖީ އާ ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވިގޮތުގައި ޗައިނާއާއި އީރާނުގެ ގުޅުންތަކުގެ ތެރެއަށް އެހެން ގައުމަކަށް ނުވަދެވޭނެއެވެ. ޗައިނާއާއި އީރާނާ ދެމެދު ހިނގާ އިޤްތިޞާދީ އަދި ވިޔަފާރީގެ މުޢާމަލާތްތައް ހުއްޓުވުމަކީ އެހެން ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޔީ މި އިޝާރާތް ކުރައްވަނީ އެމެރިކާއަށެވެ. ނަމަވެސް އެމެރިކާގެ ނަން ވިދާޅެއް ނުވެއެވެ.

އީރާން އިނދަޖައްސައި ލުމަށްޓަކައި އީރާނާ ދެކޮޅަށް އެމެރިކާ އިއުލާންކުރި އިޤްތިޞާދީ ހަނގުރާމައަށެވެ. މި ހަނގުރާމައިގައި ބައިވެރިވެ އެމެރިކާއަށް އެއްބާރުލުން ދިނުމަށް އެމެރިކާގެ މަސްޢޫލުވެރިން ޗައިނާއަށް ގޮވާލި ގޮވާލުމަށެވެ. މުހައްލިލުން ވިދާޅުވާގޮތުގައި ބައިނަލްއަޤްވާމީ މަސްރަހުގައި އީރާނަށްވުރެ އެކަހެރިކޮށް ފެންނަނީ އެމެރިކާއެވެ. ޝެންހާއި ކޯޕަރޭޝަން ޖަމާޢަތާއި ބްރިކްސް ފަދަ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޖަމާޢަތްތަކުގެ ސަމިޓްތަކުން އީރާނުގެ އިސްވެރިން ފެންނަމުންދާއިރު އެމެރިކާގެ އިސްވެރިން މިފަދަ ސަމިޓްތަކުން ނުފެނެއެވެ. މީގެއިތުރުން އެމެރިކާ ލީޑުކުރާ ހުޅަނގުގެ ކޭންޕް ތެރޭގައިވެސް ފެންނަނީ އެމެރިކާގެ ބަސް ގަބޫލުނުކުރާ މަންޒަރުކަމަށާއި ހުޅަނގުގެ ކޭންޕުން ފެންނަނީ ބައިބައިވުމާއި ޚިޔާލު ތަފާތުވުންތައް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އީރާނުގެ އިޤްތިޞާދާ ބެހޭ ވަޒީރު ސައްޔިދު އަލީ މަދަނީ ޒާދާ ވިދާޅުވިގޮތުގައި އެމެރިކާ އީރާނާ ދެކޮޅަށް އިއުލާން ކޮށްފައިވާ އިގްތިސާދީ ހަނގުރާމައާއެކުވެސް އީރާނުގެ އިންޕޯޓް އެކްސްޕޯޓް ކުރިއަށް އެބަދެއެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާނެ އެތަށް ގޮތްތަކެއް އީރާނުން ވަނީ ހޯދައިފައެވެ. އެމެރިކާގެ އިޤްތިޞާދީ ހަނގުރާމައަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވަމުން މަދަނީ ޒާދާ ވިދާޅުވީ އެމެރިކާގެ ޓެރަރިސްޓް ހަރަކާތްތަކުން އީރާނަށް ދަތިތަކެއް ކުރިމަތި ވިޔަސް އެމެރިކާގެ ޓެރަރިޒަމުން އީރާނުގެ އިޤްތިޞާދު އިނދަޖައްސައި ނުލެވޭނެކަމުގައެވެ. އީރާނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ އެއްޗެއް ދަތިކަމެއްނެތި އީރާނުގެ އެތެރޭގެ ބާޒާރުތަކުން ލިބެން ހުންނާނެކަމަށް ޒާދާ ވިދާޅުވިއެވެ.

ޗައިނާއާއި އީރާންއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކާއި އީރާނާއި ރަޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ބަރާބަރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޕޯޓްތައް ބުނާގޮތުން ޗައިނާއާއި ރަޝިއާ އާއެކު އީރާން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެ ތިން ގައުމުގެ ފައިސާއެވެ. އެހެންކަމުން މި މުއާމަލާތްތައް ހުއްޓުވޭނެ އެއްވެސް ގޮތެއް އެމެރިކާއަކަށް ނެތެވެ. އީރާނާ މުޢާމަލާތްކުރާނަމަ ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުތައް އެމެރިކާ ދިން ނަމަވެސް ޗައިނާއާ ދެކޮޅަށް އެމެރިކާއަށް އެޅޭނެ މާބޮޑު ފިޔަވަޅެއް ނޯންނާނެކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ. އީރާނާ މުޢާމަލާތް ކޮށްގެން އެމެރިކާ މިހާތަނަށް ފިޔަވަޅު އަޅާފައިވަނީ ވަރަށް އާދައިގެ ކުދިކުދި ކުންފުނިތަކާ ދެކޮޅަށެވެ.

comment ކޮމެންޓް