ޕާޓީތަކުގެ ޚިޔާލުތަފާތުވުން ވަދެ، ތަރައްގީގައި ދަތި އެޅުވޭ ނިޒާމަކުން ރާއްޖެ ކުރިއެއް ނާރާނެ: ޢުމަރު

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު: އޭނާ ވިދާޅުވީ ހިންގުމުގެ ނިޒާމުގެ ތެރެއަށް ސިޔާސީ ޕާޓީތަކުގެ ޚިޔާލު ތަފާތުވުންތައް ވަދެ، ތަރައްގީގައި ބުރަކި ޖެހޭ ފަދަ ނިޒާމަކުން ރާއްޖެ ކުރި ނާރާނެ ކަމަށް -- ސަން ފޮޓޯ

ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ސިޔާސީ ޕާޓީތަކުގެ ޚިޔާލު ތަފާތުވުންތައް ވަދެ، ތަރައްގީގައި ބުރަކި ޖެހޭ ފަދަ ނިޒާމަކުން ރާއްޖެ ކުރި ނާރާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގުރާމުގައި ޢުމަރު ވިދާޅުވީ ރަށެއްގެ ކައުންސިލަކުން ސަރުކާރު ކުންފުންޏެއް ގޮވައިގެން ކޯޓަށް ދެވޭ ގޮތަށް ލާމަރުކަޒީ ނިޒާމު ބައްޓަންވެފައި އޮވެގެން ނުވާނެ ކަމަށެވެ.

"ޚިޔާލު ތަފާތުވެވިދާނެ، ޚިޔާލު ފާޅުކުރެވިދާނެޔޭ، އެ ފެންވަރަކަށް ނުގެންދެވޭނެ އެ އެއްޗިއްސެއް،" ކުޅުދުއްފުށީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ފެނަކައިން އެއްބަސްވުމެއް ނަހަދައިގެން އެ ކައުންސިލުން ކޯޓަށް ދިޔަ މައްސަލައަށް އިޝާރާތްކުރައްވައި ޢުމަރު ވިދާޅުވިއެވެ.

ދިވެހި ދައުލަތް 180 ބަޔަކަށް ބަހައިނުލެވޭނެ ކަމަށާއި، މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް އިސްލާހުކުރަންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ.

މިއަދު އެންމެ ބޮޑަށް ސަރުކާރާ އިދިކޮޅަށް ޚިޔާލު ފާޅުކުރާނީ އެމްޑީޕީގެ ކައުންސިލުތައް ކަމަށާއި، އެމްޑީޕީން ވެރިކަމާ ހަވާލުވުމުން އެ ކައުންސިލުތަކުން އެ ވާހަކަތައް ނުދައްކާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޕީއެންސީން ވެސް އަމަލުކުރަނީ ހަމަ އެ އުސޫލުންނެވެ. އެހެންކަމުން މިއީ ސިޔާސީ ޕާޓީތަކުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކެއްގެ ގޮތުގައި ޢުމަރު ސިފަކުރެއްވިއެވެ.

"އެހެންވީމާ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ޕޮލިޓިކަލް ޕާޓީގެ ޚިޔާލު ތަފާތުވުންތައް އައިސް ވަދެ، ބުރަކި ޖެހި، ދަތި އެޅުވި، އެކަކު ގޮވައިގެން އަނެކަކު ކޯޓަށް ގޮސް، މި ޑްރާމާ ކުޅެން ޖާގަދޭ ނިޒާމެއް، އެފަދަ ނިޒާމަކުންނެއް ދިވެހިރާއްޖެއަކަށް ކުރިއެރުމެއް ނުލިބޭނެ،" ޢުމަރު ވިދާޅުވިއެވެ.

އެއާއެކު، ސަރުކާރު ޒިންމާދާރުކުރުވުމަކީ ކައުންސިލުތަކުގެ ޒިންމާއެއްނޫން ކަން ޢުމަރު ފާހަގަކުރެއްވިއެވެ. ކައުންސިލުތަކަކީ ރަށު ފެންވަރުގައި ކަންކަން ކުރާ އިދާރާތަކެއްކަން ފާހަގަކުރައްވައި ޢުމަރު ވިދާޅުވީ ކައުންސިލުތަކަށް ސަރުކާރާ ދެކޮޅަށް ބަޔާން ނެރެ ސަރުކާރު ގޮވައިގެން ކޯޓަށް ގޮސް ނުހެދޭނެ ކަމަށެވެ.

ޢުމަރު ވިދާޅުވީ، ސަރުކާރުން ބޭނުންވާ ހާލަތްތަކުގައި ރަށްރަށުގެ ބިންތައް ބޭނުންކުރެވޭނެ ގޮތް ސަރުކާރަށް ނިންމޭނެ ކަމަށެވެ. އެއްވެސް ހާލެއްގައި ސަރުކާރުން ބިންތައް ނަގަނީ ނޫން ކަމަށް ވިދާޅުވެ، އެއީ ރަނގަޅު ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"އެހެންވީމާ 180 ކައުންސިލާއި ހުރިހާ އެންމެންވެގެން ހޮވާ ސަރުކާރާ ދަޅު ވިއްދައިގެން ބަޔާން ނެރެ ކޯޓަށް ގޮސް މިހެން ހަދަން ވެއްޖިއްޔާ ދިވެހިރާއްޖެއަކަށް ދުވަހަކު ވެސް ތަރައްގީގެ ކުރިމަގެއް ނުލިބޭނެ،"

comment ކޮމެންޓް