އިންޑިއާގެ ޓާޓާ ކުންފުނީގެ ތެރޭގައި ބޮޑު މައްސަލަގަނޑެއް!

ޓާޓާ ސަންސްގެ އެގްޒެކެޓިވް ޗެއާމަން އެން. ޗަންދްރަސޭކަރަން-- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ޖީޑީޕީގެ ފަސް އިންސައްތައާ އެއްވަރުގެ އާމްދަނީއެއް ހޯދާ، 260 ބިލިއަން ޑޮލަރުގެ ކުންފުންޏެއް ކަމަށްވާ ޓާޓާ ސަންސްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް އެން. ޗަންދްރަސޭކަރަންއަށް ތިންވަނަ ދައުރެއް ދިނުމަށް އެ ކުންފުނީގެ ބޯޑުން ފާސްކުރި ނިންމުން، ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ޓާޓާ ޓްރަސްޓްސްއިން ގަބޫލުނުކޮށްފިއެވެ.

ސަތޭކަ ފަންސާސް އަށް އަހަރުވީ މި ކުންފުނީގެ 65 އިންސައްތަ ހިއްސާ އޮންނަ ޓާޓާ ޓްރަސްޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޑުގެ އަޣުލަބިއްޔަތުން ޗަންދްރަސޭކަރަންއަށް އިތުރު ފަސް އަހަރުގެ ދައުރެއް ދިނުމަށް އިއްޔެ ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

ޓާޓާ ޓްރަސްޓްސްއިން ބުނި ގޮތުގައި، ޓާޓާ ސަންސްގެ އާޓިކަލްސް އޮފް އެސޯސިއޭޝަން ބުނާ ގޮތުން ޗެއާމަންގެ މަގާމަށް މީހަކު އައްޔަންކުރެވޭނީ ޓްރަސްޓްސްގެ ފަރާތުން ބޯޑުގައި ތިބޭ ދެ ޑިރެކްޓަރުންގެ ވޯޓު ވެސް ލިބިގެންނެވެ. ނަމަވެސް، ޓްރަސްޓްސްގެ ޗެއާމަން އަދި ބޯޑު މެންބަރު ނޮއެލް ޓާޓާ ވަނީ ޗަންދްރަސޭކަރަން އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދީފައެވެ. އެހެންކަމުން އެ ނިންމުން ބާތިލުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން، ބޯޑުގެ ހުރިހާ މެންބަރުންގެ ތާއީދު ނެތް ކަމަށް ބުނެ، މަގާމުގެ އާ ދައުރަކަށް ކުރިމަތިނުލާނެ ކަމަށް އޮގަސްޓު 12 ގައި ޗަންދްރަސޭކަރަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ބޯޑުގެ ފަހުގެ ނިންމުމާއެކު އެ ނިންމުން ވަނީ ބަދަލުވެފައެވެ. ޓްރަސްޓްސްގެ ބޯޑުގައި ނޮއެލްގެ އިތުރުން އޭނާގެ ދަރިފުޅު ނެވިލް އަދި ޗަންދްރަސޭކަރަންއަށް ތާއީދުކުރާ ވޭނޫ ސްރީނިވާސަން ވެސް ހިމެނެއެވެ. ޓާޓާ ސަންސްގެ ބޯޑުގައި ވެސް އިންނަ ވޭނޫ ވަނީ ޗަންދްރަސޭކަރަން އައްޔަންކުރުމަށް ވޯޓު ދީފައެވެ.

ޗަންދްރަސޭކަރަންގެ މިހާރުގެ ދައުރު އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަވާއިރު، އޭގެ ކުރިން އޭނާ އަލުން އައްޔަންކުރުމަށް ހިއްސާދާރުންގެ ބައްދަލުވުމެއްގައި ފާސްކުރަން ޖެހޭނެއެވެ. ނަމަވެސް، ސްޓޭޓް އޮތޯރިޓީއަކުން ނެރެފައިވާ އަމުރެއްގެ ދަށުން، އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށްވާ ސާ ރަތަން ޓާޓާ ޓްރަސްޓްގެ ޓްރަސްޓީންނަށް ބައްދަލުވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން، އަވަސް މުސްތަގުބަލެއްގައި ހިއްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަކީ ނާދިރު ކަމެކެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗަންދްރަސޭކަރަންއާއި ނޮއެލްއާ ދެމެދު އުފެދިފައިވާ މި މައްސަލައިގެ އަސްލަކީ ޓާޓާ ސަންސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން އަންގާފައިވާ އެންގުމެކެވެ. މި އެންގުން ތަންފީޒުކުރުމަށް އާރްބީއައިއިން ދަނީ މަސައްކަތްކުރަމުންނެވެ.

މި މައްސަލައިގެ ސަބަބުން އިންޑިއާގެ އިގުތިސާދަށް އަސަރުކުރާނެ ކަމަށް ރޮއިޓާސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޓާޓާ ސަންސްގެ ބޯޑުން ނިންމާ ނިންމުންތަކުގެ ތެރެއިން އެއް ބިލިއަން ރުޕީސް (10 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމުގެ ބާރު މައިގަނޑު ދެ ޓްރަސްޓަށް ލިބިގެންވެއެވެ. މީގެ ސަބަބުން، މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އެއަރ އިންޑިއާއަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ޗިޕް އަދި ބެޓެރި އުފެއްދުން ފަދަ ޓާޓާގެ އެހެނިހެން ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ހުރަސްއެޅޭނެއެވެ.

މީގެ އިތުރުން، ކުންފުނީގެ ހިންގުމާ މެދު އުފެދިފައިވާ މި ނުތަނަވަސްކަމަކީ އިންޑިއާގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް ވެސް އޮތް ކަންބޮޑުވުމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

comment ކޮމެންޓް