ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ހައިބަރު ޕަހްތުންހުވާ ޕްރޮވިންސްގެ ކޯހާތުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެއްޖެއެވެ. އަދި މި ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ހުކުރު ނަމާދަށް މީހުން ޖަމާވެފައި ވަނިކޮށް، ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް މިސްކިތުގެ މައި ދޮރާޓަށް ވައްދައި ގޮއްވާލައިގެންނެވެ. ރެސްކިއު އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުމުގެ ސަބަބުން މިސްކިތުގެ ބޭރު ފާރެއް ވެއްޓި، އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޯހާތުގެ ޑިސްޓްރިކްޓް ހެޑްކުއާޓާސް ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. ތާހިރު ޝާހް ވިދާޅުވި ގޮތުގައި، ހަމަލާއަށް ފަހު 15 މީހެއްގެ ހަށިގަނޑާއި 50 އަށް ވުރެ ގިނަ ޒަހަމްވެފައިވާ މީހުން އެ ހޮސްޕިޓަލަށް ގެންދިޔައެވެ. ޒަހަމްވި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި، އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސްއިން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ފުލުހުންގެ ފަސް މީހުން ހިމެނެއެވެ. އަދި ޒަހަމްވި މީހުންގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ފުލުހުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން، "ރެސްކިއު 1122" ގެ ތަރުޖަމާނު ބިލާލް އަހުމަދު ފައިޒީ ވިދާޅުވި ގޮތުގައި، ހާދިސާގެ ރިޕޯޓު ލިބުމާއެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަފްގާނިސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ ހައިބަރު ޕަހްތުންހުވާ ސަރަހައްދަކީ ހަނގުރާމަވެރިންގެ ހަމަލާތައް ގިނައިން އަމާޒުވާ ސަރަހައްދެކެވެ. ނަމަވެސް، މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ. މިހާރު އެ ސަރަހައްދު ބަންދުކޮށް، ކޯހާތާއި ހަންގޫ ގުޅޭ މަގުގެ ދަތުރުފަތުރު މެދުކަނޑާލުމަށް ފަހު، ސަލާމަތީ ބާރުތަކުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

މިފަދަ ގޮއްވުންތައް ގޮއްވައި އެތައް ބަޔަކު އެއްފަހަރާ މަރާލުމަކީ ޕާކިސްތާނުގައި ވަރަށް ވެސް އާއްމު ކަމެކެވެ.

comment ކޮމެންޓް