ދެވަނަ ދައުރަކަށް ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު އަރުވަނީ -- ފޮޓޯ: ޕީއެންސީ

ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ޕީއެންސީން މިރޭ އަރުވައިފިއެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވާފައި މިވަނީ ޕްރައިމަރީއަކާ ނުލައެވެ.

ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ވާދަކުރެއްވުމަށް، ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ނުބާއްވާ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން ޕީއެންސީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހެޅީ އިއްޔެއެވެ. އެ ގަރާރާ މެދު ގޮތެއް ނިންމަން އަތް ހިއްލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުން ވަނީ އެ ގަރާރު އިއްޔެ ވަނީ ފާސްކޮށްފައެވެ.

އެއާއެކު މިރޭ ކޮންގްރެސް ނިންމުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީ ވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ގަރާރުގައިވާ ގޮތުން ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެފައި ދެވަނަ ދައުރަކަށް ކުރިމަތިލާން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ ޕްރައިމަރީއަކާ ނުލައި ވެސް ޓިކެޓް ދެވޭނެ ކަމަށް ޕީއެންސީގެ އަސާސީ ގަވައިދުގައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު އަރުވަނީ -- ފޮޓޯ: ޕީއެންސީ

ހަމައެއާއެކު ގަރާރުގައި ވަނީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރައިމެރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓު ދޭންޖެހޭ ކަމަށެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު އަރުވަން ނިންމިއިރު، މިހާތަނަށް ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދެވޭނެ ކަމަށް ވިދާޅުވުން ފިޔަވައި އަދި މިހާތަނަށް ޕީއެންސީގެ ރިޔާސީ ޓިކެޓަށް އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވެސް އަބްދުއްރަހީމް ވަނީ 2028 ގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ ތެރެއިން އުފަންވި "ކޯލިޝަން" ޕާޓީއެކެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން އެ މަނިކުފާނުގެ ތާއިދާއެކުގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައީސް ޔާމީން އަބްދުލްގައްޔޫމް -- ފައިލް ފޮޓޯ: ރައީސް އޮފީސް

ނަމަވެސް ވެރިކަން ފެށުނުތާ ހަފުތާއެއް ވެސް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓިއަށް އުފެއްދެވީއެވެ. އޭގެ ފަހުން ޔާމީން ގެންދަވަނީ ރައީސާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އޭގެއިތުރަށް، ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޔާމީން ވަނީ އިޢުލާނުކުރައްވައިފައެވެ.

ޔާމީންގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ވެސް ގިނަ ލީޑަރުންތަކެއް ވަނީ ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން ފައްޔާޒު ރިޔާސީ ރޭހަށް ނުކުންނަވަނީ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދާއެކުއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް