އުމުރުން 30 އަދި 40ގެ އަހަރުތަކުގައި އުރަމަތީ ކެންސަރުގެ ނުރައްކާ އިތުރުކުރުވާ ދިރިއުޅުމުގެ ދެ އާދައެއް

އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބުތައް އަންހެނެއްގެ އުމުރާއި ދިރިއުޅުމުގެ މަރުހަލާތަކާ ގުޅިގެން ތަފާތުވާ ކަމަށް އަލަށް ކުރެވުނު އިލްމީ ދިރާސާއަކުން ވަނީ އެނގިފައި--ފޮޓޯ/ދައިންޑިޕެންޑެންޓް

އަލަށް ކުރެވުނު އިލްމީ ދިރާސާއަކުން ދައްކާ ގޮތުގައި، އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބުތައް އަންހެނެއްގެ އުމުރާއި ދިރިއުޅުމުގެ މަރުހަލާތަކާ ގުޅިގެން ތަފާތުވެއެވެ.

މި ހޯދުންތަކުން އިރުޝާދު ދެނީ، އުމުރުން 30 އަދި 40ގެ އަހަރުތަކުގައި އުޅޭ އަންހެނުން، ހަށިގަނޑުގައި ސަރުބީ އިތުރުވުމާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުން ކުރިމަތިވާ ސިއްހީ ނުރައްކާތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ. މިއީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި، ކެންސަރުގެ ނުރައްކަލަށް އަސަރުކުރާ ދިރިއުޅުމުގެ އާދަތައް ބަދަލުވަމުންދަނީ އަންހެނުންގެ އުމުރުފުރަ އާއި ދިރިއުޅުމުގެ ހާލަތަށް ބިނާކޮށެވެ.

ދިރިއުޅުމުގެ ރަނގަޅު ސިއްހީ އާދަތަކުގެ ސަބަބުން، އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މީހުން ބަލިން ސަލާމަތްކުރެވިދާނެކަން ޞިއްޙީ މާހިރުން މީގެ ކުރިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ޤަވާއިދުން ކަސްރަތުކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ގެއްލުންހުރި މާއްދާތަކާ ދުރުހެލިވުން ހިމެނެއެވެ. ނަމަވެސް، މި އާ ހޯދުންތަކުން އަލިއަޅުވާލަނީ ދިރިއުޅުމުގެ ވަކި މަރުހަލާތަކެއްގައި ކުރިމަތިވާ ޚާއްޞަ ނާޒުކު ހާލަތްތަކަށެވެ. މީގެ ސަބަބުން، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެންމެ ފައިދާހުރި ގޮތުގައި އެޅޭނެ ދަނޑިވަޅުތަކުގައި ޞިއްޙީ އިރުޝާދު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ރަނގަޅު އާދަތަކުގެ ސަބަބުން، އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މީހުން ބަލިން ސަލާމަތްކުރެވިދާނެކަން ޞިއްޙީ މާހިރުން ވިދާޅުވެފައިވޭ--ފޮޓޯ/ދައިންޑިޕެންޑެންޓް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ކެންސަރުގެ ބަލިމަޑުކަމާ ބެހޭ ޕްރޮފެސަރު މާކް ގަންޓާ ވިދާޅުވި ގޮތުގައި، ޒުވާން އުމުރަކީ ކަސްރަތު ކުރުމަށް ބާރުއެޅުމަށާއި، ބަރުދަން ހަލުވިކަމާއެކު އިތުރުވުން ހުއްޓުވުމަށް ވަރަށް މުހިންމު މަރުހަލާއެކެވެ. ހަމައެއާއެކު، އުމުރުން 30 އާއި 50އާ ދެމެދުގެ އަހަރުތަކަކީ ހަށިގަނޑުގެ ބީއެމްއައި އިތުރުވުމާއި، ނޭދެވޭ އާދަތައް ކޮންޓްރޯލް ކުރުމަށް ބާރުއަޅަންޖެހޭ މުހިންމު ދުވަސްވަރެކެވެ.

މިފަދަ އާދަތަކަށް ބަދަލު އަންނަނީ ކޮން ދުވަސްވަރެއްގައިކަން ދެނެގަނެވުމުން، މުޅި މުޖުތަމައުގައި އުރަމަތީގެ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، އެކަށީގެންވާ ޞިއްޙީ ސިޔާސަތުތައް އެކުލަވައިލުމަށް ކަމާބެހޭ ފަރާތްތަކަށް ބޮޑު އެހީއަކަށް ވާނެއެވެ.

އެއްލައްކަ ދިހަހާހަށްވުރެ ގިނަ އަންހެނުންގެ މަޢުލޫމާތު ދިރާސާކޮށް، "ސައިންޓިފިކް ރިޕޯޓްސް" މަޖައްލާގައި ޝާއިއުކޮށްފައިވާ މި ހޯދުންތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅުންހުރި އުރަމަތީގެ ކެންސަރުގެ ނުރައްކާތައް އުމުރުގެ އެކި ހިސާބުގައި ބަދަލުވަމުންދެއެވެ.

ޒުވާން ޢުމުރުގެ ފަހުކޮޅުގައި ނޭދެވޭ އާދަތަކާއި ދުންފަތުގެ އިސްތިއުމާލުކުރުން ގިނަވެފައި، ހަށިގަނޑުގެ ހަރަކާތްތެރިކަން އެންމެ މަތީ މިންވަރެއްގައި ހުރި ނަމަވެސް، ޢުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ސަރުބީ އިތުރުވަމުން ގޮސް އުމުރުން 60ގެ އަހަރުތަކުގެ ފަހުކޮޅުގައި އެންމެ މައްޗަށް ދެއެވެ. މީގެ އިތުރުން، ކުރީގެ ޖީލުތަކުގެ އަންހެނުންނާ އަޅާބަލާއިރު، މިހާރުގެ ޖީލުތަކުގެ އަންހެނުންގެ ބަރުދަން މުޅި ޢުމުރުގައި ވެސް ހުންނަނީ ނިސްބަތުން މަތީގައެވެ.

"ބްރެސްޓް ކެންސަ ނައު"ގެ ޗީފް ސައިންޓިފިކް އޮފިސަރު ޑރ. ސައިމަން ވިންސެންޓް ވިދާޅުވީ، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން އުރަމަތީގެ ކެންސަރުގެ މަދުވެގެން 23 އިންސައްތަ ކޭސް ހުއްޓުވިދާނެ ކަމަށެވެ. މި ދިރާސާއިން އެނގިގެންދަނީ މިފަދަ އާދަތަކަށް ބަދަލު އަންނަ އުމުރުފުރާތަކެވެ. މި މަރުހަލާތައް ދެނެގަތުމަކީ އުރަމަތީގެ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށްޓަކައި އަންހެނުންނަށް ބޭނުންވާ ދާއިމީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

މި ދިރާސާގެ އިސްވެރިޔާ އެމީ ބެރިންގްޓަން ފާހަގަކުރެއްވި ގޮތުގައި، ދިރިއުޅުމުގެ މިފަދަ ނުރަނގަޅު އާދަތަކަކީ ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، އަދި އެހެނިހެން ބާވަތްތަކުގެ ކެންސަރަށްވެސް މަގުފަހިވާ ކަންކަމެވެ. އެހެންކަމުން، މިފަދަ ސިއްހީ ހޭލުންތެރިކަމުގެ ސިޔާސަތުތަކުގެ ސަބަބުން އަންހެނުންގެ އާންމު ސިއްހަތަށް ވަރަށް ފުޅާ ދާއިރާއެއްގައި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

comment ކޮމެންޓް