މާލޭގައި އުފައްދާ ކުނި މަދުކުރުމަށް ސަމާލުކަން ދީފިނަމަ އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ޢާޒިމް

ބީޗު ސާފުކުރުމުގެ ހަރަކާތުގައި މޭޔަރު ޢާޒިމް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ކުނި އުކައިލުމުގެ ޚިދުމަތް ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށާއި، މާލެ ސަރަހައްދުގައި އުފައްދާ ކުނި މަދުކުރުމަށް ސަމާލުވެ މާލޭގައި ދިރިއުޅޭ ރައްޔިތުން ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު އުޅެން ފަށައިފިއްޔާ ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައި، މާލޭ ސިޓީ ކައުންސިލުން ވަނީ ސްކައުޓް ޖަމިއްޔާއާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި ކްލީން މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ)އާ ގުޅިގެން އާޓިފިޝަލް ބީޗުގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އެ ހަރަކާތް ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ ކުނި އުކައިލާ ސަރުކާރު ކުންފުނި ވެމްކޯއިން 800 ޓަނުގެ ކުނި ނަގާ ކަމަށާއި ކައުންސިލުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ ކުނި ނަގާ ކަމަށެވެ.

ޢާޒިމް ވިދާޅުވީ، މާލޭގައި ކުނި އުކައިލުމުގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލުން މަހަކު ތިން މިލިއަން ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއް ޚަރަދުކުރަންޖެހޭ ކަމަށެވެ.

"މާލެ ސިޓީ ތެރެއިން މި ނެގޭ ކުންޏަކީ ގަސްތަކު އުޅޭ ކުންޏެއްނޫން، މިއީ އަޅުގަނޑުމެން އިންސާނުން އަޅަން ނުޖެހޭ ކުނި އަޅައިގެން އުފެދޭ ކުނިތަކެއްގެ ވާހަކަ މި ދައްކަނީ،" ޢާޒިމް ވިދާޅުވިއެވެ.

އެއާއެކު ޢާޒިމް ވަނީ މާލޭގައި ދިރިއުޅޭ އާންމުން ކުނި މެނޭޖްކުރުމުގައި ސަމާލުވެ، ބޭނުންނުވާ ވަރަށް ކާބޯތަކެތި ނުއުފެއްދުމަށް އެދިވަޑައިގެންފައެވެ.

ޢާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އުކައިލަން ގެންދާ ކުނިތަކަށް ވެމްކޯއިން 10 އިންސައްތަ އިތުރަށް ނަގާ ކަމަށެވެ. އެގޮތުން އާންމުން ކުނި އުކައިލަން ގެންދާއިރު ވެމްކޯއިން 1،000 ރުފިޔާ ނަގާއިރު، ކައުންސިލުގެ އަތުން 10،000 ރުފިޔާ ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ކަންކަން ކޮށްދިނުމަށްޓަކައި ކައުންސިލުން ސަލާމަތްކުރެވޭނެ ފައިސާ ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

"ބޭރު މީހުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާ، މި އެންމެން ކުނި އުފައްދަނީ، އެހެންވީމާ އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެގެން މަސައްކަތް ފަށައިފިކަމަށް ވަންޏާ ހަމަ ގައިމުވެސް މާލެ ސިޓީގައި މަހަކު ތިން މިލިއަން ހަތަރު މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މާލޭގެ ރައްޔިތުންނަށް އެހެނިހެން ކަންތައްތައް ކޮށްދޭން ވެސް، މިއީ އަހަރަކަށް ބަލައިފިއްޔާ 40 މިލިއަން ރުފިޔާ އެބަ ސަލާމަތްކުރެވޭ އަޅުގަނޑުމެން ފަރުވާތެރިކަމާއެކު ސާފުތާހިރުކޮށް އުޅެން ފަށައިފިއްޔާ ވެސް،" ޢާޒިމް ވިދާޅުވިއެވެ.

ކުނި އަޅާ މީހުންނަށް ކުނި ނަގަން ހަނދާން ކޮށްދޭން ޖެހޭ ކަމަށް ޢާޒިމް ވިދާޅުވިއެވެ. ކައުންސިލުގެ އަބަދު ވެސް އަމާޒަކީ ޢާޒިމް ވިދާޅުވިގޮތުގައި މާލެއަކީ ސާފުތާހިރު ތަނަކަށް ހެދުމަށެވެ.

މާލޭގައި ހުންނަ ކަރަންޓު ފޮށިތައް މައްޗާއި ބައެއް ފަހަރު ޑަސްބިނަށް ކުނި އުކައިލުމުގެ ބަދަލުގައި ޑަސްބިން މަތީގައި ވެސް ބައެއް މީހުން ކުނި ބަހައްޓާކަން ޢާޒިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެން ކަނޑަށް ވެސް އަދި ބިމަށް ވެސް ކުނި ނާޅަން ފަރިތަކުރަން ފަށައިފިއްޔާމު އެއީ އަޅުގަނޑަށް ހީވަނީ ރީތި އާދަޔަކަށް ވެގެން ދާނެ ހެން، އެހެންވީމާ އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ އެއްވެސް ގޮތަކަށް އެއްވެސް ތާކަށް ކުނި ނާޅާށޭ، އެ މީހެއްގެ ކުނި އެ މީހަކު މެނޭޖުކުރަން ދަސްކުރާށޭ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް