ލ. ގަމުގައި މިއަދު ކުރިއަށްދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގެ ތެރެއިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ޒުވާނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، ލ. ގަމުގައި ކުރިއަށްދިޔަ މި ރޭސިންގް ހަރަކާތުގައި ބައިވެރިވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:54 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާރު ދަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.