މާލޭގެ ސަބުނަމް މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މަޢުލޫމާތު މިރޭ 21:01 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ. އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެގޮތުން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދެވަނަ މީހާއަށް ފަރުވާދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. އެއްވެސް މީހަކަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނޭނގެއެވެ.
މި މާރާމާރީގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް، މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.