އެކުވެރިކަމުގެ ބައިނަލްއަގުވާމީ މެޗުތަކަކަށް ތައްޔާރުވަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ ބޭންޑް، އަނިޔާއިން ރަނގަޅުވެ އަލުން ސްކޮޑަށް ނެގި ތަޖުރިބާކާރު ޑިފެންޑަރު ސަމޫހް ޢަލީ (ސަމުއްޓެ) އާ ހަވާލުކޮށްފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު އިސްތަވާން އުރްބާނީ ވަނީ ކުރިއަށް އޮތް މެޗުތަކުގައި ޓީމުގެ ލީޑަޝިޕް ނަގާނީ ސަމުއްޓެ ކަން އިއުލާނުކޮށްފައެވެ.
ކޯޗު ފާހަގަކުރި ގޮތުގައި، ކެޕްޓަންކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭނީ ސަމުއްޓެއަށެވެ. އަދި އޭނާގެ ކިބައިގައި ހުރި ލީޑަޝިޕް ސިފަތަކަކީ ޓީމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް އުރްބާނީ ބުންޏެވެ.
އަނިޔާގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަހަރުގެ ޖޫން މަހު ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުން ސަމުއްޓެއަށް ފުރުސަތު ގެއްލުނެވެ. އެ މުބާރާތުގައި ކޯޗު އުރްބާނީ ވަނީ ތަފާތު ކުޅުންތެރިންނަށް ކެޕްޓަން ބޭންޑް އަޅުވައިގެން ކުޅުވާފައެވެ.
މަހިބަދޫއަށް އުފަން ސަމުއްޓެއަށް އެންމެ ފުރަތަމަ ކެޕްޓަންކަން ލިބުނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު، އޭރުގެ ކެޕްޓަން އަކުރަމް ޢަބްދުލްޣަނީއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އޭގެ ފަހުން 2019 އިން ފެށިގެން އެ ޒިންމާ ނަގަމުން އައިސް، ރަސްމީކޮށް އޭނާއަށް ކެޕްޓަންކަން ހަވާލުކުރީ 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ.
ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެކެވެ.
ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ، ދުނިޔޭގެ ރޭންކިންގެ 91 ވަނައިގައި އޮތް ޗައިނާއާ ދެކޮޅަށެވެ. މި މެޗަށް ރާއްޖޭގެ ޓީމު މާދަމާ ހަވީރު ޗައިނާއަށް ފުރާނެއެވެ. މީގެ ކުރިން ޗައިނާއާ ދެކޮޅަށް ކުޅުނު ހަ މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.
ޗައިނާ މެޗަށްފަހު ރާއްޖޭގެ ޓީމު ދަތުރުކުރާނީ ކިރިގިސްތާނަށެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހު، ދުނިޔޭގެ 106 ވަނައިގައި އޮތް ކިރިގިސްތާނާ ދެކޮޅަށް ކުޅުމަށްފަހު، ތިންވަނަ މެޗުގައި އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ހަމަ ކިރިގިސްތާނުގައި ނުކުންނާނީ ދުނިޔޭގެ 107 ވަނައިގައި އޮތް ލުބުނާނާ ދެކޮޅަށެވެ.
މިވަގުތު ދުނިޔޭގެ ރޭންކިންގެ 173 ވަނައިގައި އޮތް ރާއްޖޭގެ ޤައުމީ ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތުގައި ޕާކިސްތާނާއި އަފްޣާނިސްތާން އަތުން ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ.