އިންޑޮނޭޝިއާގެ ލޮމްބޮކް ޖަޒީރާގައި ހުންނަ އިސްލާމީ ބޯޑިން ސްކޫލެއްގެ ޕްރިންސިޕަލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަތަކެއް ފަޅާއަރުވާލައި، އިންސާފު ހޯދުމަށް އެކުގައި މަސައްކަތްކުރި ދެ ދަރިވަރަކު ކައިވެނިކޮށްފިއެވެ.
އަބޫ ބަރަކާތު ސްކޫލުގެ އިސްވެރިޔާ އަހުމަދު އިމާނުއްދީން ސުމާރު (އަބާ) ގެ މައްޗަށް މި ތުހުމަތުތައް ކުރީ އެ ސްކޫލުގައި ކުރިން ކިޔެވި ޔުސްރޯން އައްޒާހިދީ އާއި ޒިޔާދަތުއްރަހްމާ (ޒިޔާ) އިސްވެ ތިބެ ކުރިއަށްގެންދިޔަ މަސައްކަތްތަކަކަށް ފަހުގައެވެ. ޒިޔާ ބުނި ގޮތުގައި އޭނާގެ އުމުރުން 16 އަހަރުގައި އަބާ ވަނީ އޭނާއަށް ޖިންސީ ގޯނާކޮށްފައެވެ. އަދި އެހެން ދަރިވަރެއް ކަމަށްވާ ސުކްމާ ރޮހާނާގެ އުމުރުން 17 އަހަރުގައި އޭނާ ރޭޕްކުރަން އަބާ މަސައްކަތްކުރި ކަމަށް ސުކްމާ ބުނެފައިވެއެވެ.
މި މައްސަލަތަކުގެ ހެކި ހޯދުމަށް ޔުސްރޯން އާއި ޒިޔާ، އެހެން ދަރިވަރުންނާ ގުޅިގެން މަސައްކަތްކޮށް، ހަތް ސަފުހާގެ ރިޕޯޓެއް އެކުލަވާލިއެވެ. މި ރިޕޯޓު ސްކޫލް ހިންގާ ޖަމިއްޔާ ކަމަށްވާ ނަހްދަތުލް ވަތަން ދީނިއްޔާ އިސްލާމިއްޔާ (އެންޑަބްލިއުޑީއައި) އަށް ހުށަހެޅުމުން، އެ ޖަމިއްޔާއިން ވަނީ އެ ލިޔުންތައް އަބާއާ ހިއްސާކޮށްފައި ކަމަށް ޔުސްރޯން ބުންޏެވެ. އެންޑަބްލިއުޑީއައި އަކީ އެ ސްކޫލުގެ އިތުރުން އެތައް ސަތޭކަ ސްކޫލެއް ހިންގާ ބާރުގަދަ ޖަމިއްޔާއެކެވެ.

މައްސަލަ ފަޅާއެރުމާއެކު، އަބާ ވަނީ ޔުސްރޯން އަދި ޒިޔާއަށް ގުޅައި މައްސަލަ ސިއްރުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެ ދަރިވަރުން ވަނީ މި ފޯނު ކޯލުތައް ސިއްރުން ރެކޯޑުކޮށްފައެވެ. ދަރިވަރުންގެ ވަކީލު ޖޯކޯ ޖުމާދީ ވިދާޅުވި ގޮތުގައި މި ރެކޯޑިންތަކަކީ ވަރަށް މުހިންމު ހެކިތަކެކެވެ.
"އެ ރެކޯޑިންތަކުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައި،" ޖޯކޯ ވިދާޅުވިއެވެ.
މި މައްސަލަ ފޮރުވުމަށް ދަރިވަރުންނަށް އެކި ގޮތްގޮތުން ބިރުދައްކާފައިވާ ކަމަށް އެ ކުދިން ބުނެފައިވެއެވެ. ސުކްމާ ބުނި ގޮތުގައި، އަބާގެ ގެއަށް އޭނާ ގެންގޮސް، ފުލުހުންނާއި އެންޑަބްލިއުޑީއައިގެ ވަކީލެއްގެ ހާޒިރުގައި، އޭނާ ކުރި ތުހުމަތުތަކަކީ ދޮގެއް ކަމަށް ބުނެ ލިޔުމެއްގައި ސޮއިކުރުވިއެވެ. އަދި އަބާގެ އަންހެނުން ހުރުމިއާޓީ ވެސް ވަނީ ސުކްމާއަށް ބިރުދައްކާފައި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ޔުސްރޯންގެ މައިންބަފައިންނަށް ވެސް އަބާ ވަނީ ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައެވެ.
ޖިންސީ ގޯނާއާ ދެކޮޅަށް މަސައްކަތްކުރާ އަންހެނެއް ކަމަށްވާ އައްޔޫ މަސްރުރޯހްގެ ފަރާތުން ހިތްވަރު ލިބިގެން، ޒިޔާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެހެން ޝިކާރައަކަށްވި ކުދިން ހޯދުމަށް މަސައްކަތްކޮށްފައެވެ. އަދި ވަކީލެއްގެ އެހީތެރިކަމާއެކު، ސުކްމާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އަދިވެސް ފުލުހުން ފިޔަވަޅެއް އަޅާފައިނުވާއިރު، އަބާ އަދިވެސް ހުރީ އޭނާގެ މަގާމުގައެވެ.
އެންޑަބްލިއުޑީއައި އިން ބުނި ގޮތުގައި އެ ޖަމިއްޔާއިން ދަނީ މި މައްސަލަ އެތެރޭގެ ތަހުގީގެއްގެ ގޮތުގައި ބަލަމުންނެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް ފޮރުވަން މަސައްކަތްކުރި ކަމަށް ކުރާ ތުހުމަތުތައް އެ ޖަމިއްޔާއިން ދޮގުކުރިއެވެ.
މި މައްސަލައިގައި އިންސާފު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޔުސްރޯން އާއި ޒިޔާގެ ގުޅުން ބަދަހިވެ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔުސްރޯން ވަނީ ޒިޔާ ކިޔަވަމުންދާ މިސްރުގެ ގާހިރާއަށް ބަދަލުވެފައެވެ. އަދި މިދިޔަ މަހު އެ ދެ މީހުން ވަނީ ކައިވެނިކޮށްފައެވެ.