އަގުބޮޑުކޮށް އެމްޕީއެލްއިން 18 އޭސީ ގަތް މައްސަލައިގައި ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލަނީ

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް، ބޮޑު އަގުގައި އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޖުނައިދު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އޭސީސީން ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެއީ އެމްޕީއެލްގެ ކުރީގެ ސީއީއޯ މ. ރީފްވިލާ، މުޙައްމަދު ޖުނައިދާއި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އޭރުގެ ހެޑް މ. ހިލްއިންދަގާޑެން، އަބްދުލްވައްހާބުގެ މައްޗަށެވެ.

މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އެއަކޮންޑިޝަން ޔުނިޓް (އޭސީ) ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެކެވެ. އޭސީސީން ބުނީ މި ތަކެތި ގަނެފައިވަނީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދު (2011) އާ ޚިލާފަށް ކަމަށެވެ.

އަދި އެކަމަށް އާންމުކޮށް އިޢުލާންކުރުމެއްނެތި، ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން މި ތަކެތި ގަނެފައިވާ ކަމަށް ވެސް ކޮމިޝަނުން ފާހަގަކުރިއެވެ.

މީގެއިތުރުން، އެ ވިޔަފާރިއަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް ފަރާތެއް ކަމަށާއި، އޭސީތައް ގަނެފައިވަނީ އެ ދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި، ޖުމްލަ 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެހެންކަމުން، މި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. މީގެއިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ ވެސް މި މައްސަލައިގައި ހިމެނެއެވެ.

comment ކޮމެންޓް