އޭޝިއަން ގޭމްސް 2026: ޝޫޓިންގައި ރާއްޖޭގެ އީން އާއި އީޝާ ގައުމީ ރިކޯޑު އައުކޮށްފި

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިން އިވެންޓުގައި ރާއްޖޭގެ އީން (ކ) އަދި އީޝާ (ވ) 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކުރަނީ-- ފޮޓޯ: އެމްއޯސީ

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓުގެ 10 މީޓަރު އެއާ ރައިފަލް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ އުންމީދީ ދެ އަންހެން ޝޫޓަރުން ކަމަށްވާ އައިޝަތު އީން އަސްލަމާއި އައިޝަތު އީޝާ ޝަހީދު ގައުމީ ރެކޯޑު އައުކޮށްފިއެވެ.

މި ރެކޯޑު މީގެކުރިންވެސް އޮތީ މި ދެ ޝޫޓަރުންގެ އަތުގައެވެ. އެގޮތުން މީގެކުރިން އީޝާ އަތުގައި މި ރެކޯޑު އޮތީ 609.6 ޕޮއިންޓާއެކު އެވެ. އަދި އީން މީގެކުރިން މި ރެކޯޑު ހެދީ 601.2 ޕޮއިންޓާއެކު އެވެ.

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގައި ރާއްޖޭގެ އީން-- ފޮޓޯ: އެމްއޯސީ

ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓްގައި އީޝާ މި ރެކޯޑު އައުކުރީ 624.1 ޕޮއިންޓާއެކު އެވެ އަދި އީން މި ރެކޯޑު އައުކުރީ 609.9 ޕޮއިންޓާއެކު އެވެ.

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގައި ގައުމީ ރެކޯޑު އައުކުރި އީން އާއި އީޝާ ގެ ސްކޯ--

އޭޝިއަން ގޭމްސްގައި ޖުމްލަ 12 ޝޫޓަރެއް ރާއްޖެއިން ވާދަކުރެއެވެ. މިއީ މުޅި މި ގޭމްސްގައި ވެސް އެއް ކުޅިވަރަކުން ރާއްޖެއިން އެންމެ ގިނަ އެތުލީޓުން ވާދަކުރާ ކުޅިވަރެވެ. އަދި ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. އަންހެން ކެޓަގަރީގެ ކާމިޔާބީއާއެކު ގޭމްސްގެ އެއާ ރައިފަލް މެން ކޮލިފިކޭޝަން މެޗުތައް ތާވަލުކޮށްފައިވަނީ 21 ވަނަ ދުވަހަށެވެ.

މާދަމާ އޮންނަ ފިރިހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓްގައިވެސް ދިވެހި 3 ޝޫޓަރުން ބައިވެރިވާނެއެވެ. އެއީ އަޙްމަދު މާހިދު މުޙައްމަދު، އުމަރު މުޙައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް ޝިފާނެވެ.

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގައި ރާއްޖޭގެ އީޝާ-- ފޮޓޯ: އެމްއޯސީ

ގޭމްސް ފެށުމުގެ ކުރިން ގައުމީ ޝޫޓިން ޓީމު ވަނީ ޖަޕާނުގައި ޓްރެއިނިންތަކެއް ފުރިހަމަކޮށްފައެވެ. އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މި ޓްރެއިނިންތަކުގެ ސަބަބުން ޓީމަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ޝޫޓިންގެ އިތުރުން ރާއްޖެއިން މި ގޭމްސްގައި ޖުމްލަ 7 ކުޅިވަރަކުން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗް ވޮލީ އަދި ސާފިންގް އެވެ.

comment ކޮމެންޓް