ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޡާމް ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފި

ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޡާމް: އޭނާ ސްޓެލްކޯއަށް އައްޔަންކުރީ މިއަދު ---

ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޡާމް ކަރަންޓު ކުންފުނި ސްޓެލްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފިއެވެ.

މި ސަރުކާރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނިޘާމް ސްޓެލްކޯއަށް އައްޔަންކުރީ މިއަދެވެ.

ނިޡާމް ވަނީ 2004އިން ފެށިގެން 2012ވަނަ އަހަރުގެ ނިޔަލަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި ޚިދުމަތްކުރައްވައިފައެވެ.

އެ މުއްދަތުގައި ކޯސްޓްގާޑު ފްލީޓުގެ ޑައިވަރެއްގެ ގޮތުގައާއި، ކޯސްޓްގާޑު އުޅަނދު 'ޣާޒީ' ގެ ކޯޕްރަލެއްގެ ގޮތުގައި ނިޡާމް މަސައްކަތް ކުރެއްވިއެވެ. އޭނާ ވަނީ އޯޕަން ވޯޓާ، އެޑްވާންސްޑް އަދި ރެސްކިއު ޑައިވިން ފަދަ ތަމްރީނުތައް ވެސް ހައްދަވައިފައެވެ.

މީގެ އިތުރުން އިމާރާތްކުރުމާއި ރިސޯޓު ތަރައްގީކުރުމާއި ޕްރޮޖެކްޓުތައް ހިންގުމާއި އިދާރީ ހިންގުމުގެ ދާއިރާއިން ވެސް ނިޡާމް ތަޖުރިބާ ހޯއްދަވައިފައިވެއެވެ. އެގޮތުން އިމާރާތްކުރުމާއި ރިސޯޓު ތަރައްގީކުރުމުގެ ދާއިރާގައި ތަފާތު ފަންނުތަކުގެ މަސައްކަތްކުރައްވައި ރިސޯޓު ހެދުމާއި މަރާމާތުކުރުމުގެ ގިނަ މަޝްރޫއުތަކެއް ވެސް ބަލަހައްޓަވައިފައިވެއެވެ.

ނިޡާމް ވަނީ ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، އެ ދާއިރާއިން ފޯސްޓްގްރެޖުއޭޓް ތަޢުލީމު ވެސް ހާސިލުކުރައްވައިފައެވެ.

comment ކޮމެންޓް