މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީން ލިބުނު އާމްދަނީ އަންދާޒާކުރި އަދަދަށް ވުރެ 16.9 ޕަސެންޓު އިތުރު ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި މީރާއަށް ވަނީ ޓީޖީއެސްޓީގެ ގޮތުގައި 2.49 ބިލިއަން ރުފިޔާ ބަލައިގެންފައެވެ. އެއީ، މި ކުއާޓަރުގައި ލިބޭނެ ކަމަށް މީރާއިން އަންދާޒާކުރި އަދަދަށް ވުރެ 16.9 ޕަސެންޓު ކުރިއެރުމެކެވެ.
މީރާއިން ބުނީ، ލަފާކުރި ވަރަށް ވުރެ އިތުރަށް ފަތުރުވެރިކަމުގެ ޚިދުމަތުން ނަގާ ޓެކްސް ލިބުނީ، އެ ފައިސާ ދައްކާ ފަރާތްތަކުން އިތުރުވެފައިވާތީ ކަމަށެވެ.
މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: ދެވަނަ ކުއާޓަރުގައި ޓީޖީއެސްޓީން ލިބުނު އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ 16.9 ޕަސެންޓު އިތުރު --އެކަމަކު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓީޖީއެސްޓީން ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު އަށް ޕަސެންޓު ދަށް އަދަދެކެވެ.
ހިސާބުތަކަށް ބަލާއިރު، މި ކުއާޓަރުގައި ޑޮލަރުން ބަލައިގަތް އާމްދަނީ ހިމެނޭހެން ޓެކުހުގެ އާމްދަނީ ގޮތުގައި 6.05 ބިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު، ޕަސެންޓެއްގެ އިތުރުވުމެކެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ވަނީ، މިދިޔަ އަހަރުގެ ޖުލައި އެކަކުން ފެށިގެން ޓީޖީއެސްޓީން ނަގާ ޓެކްސް 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކޮށްފައެވެ.
އޭގެކުރިން، މި ސަރުކާރުން އެއާޕޯޓު ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)އާއި ޑިޕާޗާ ޓެކްސް ނަގާ މިންވަރު ވަނީ ޑިސެމްބަރު އެކެއް، 2024ގައި އިތުރުކޮށްފައެވެ.